ހަބަރު

ދުނިޔޭގެ އިތުރު ރެކޯޑެއް ކަޕްރަލް ރާއްޖޭގައި ހަދައިފި

ޖޮގްލް ކުރުމުގެ ދުނިޔޭގެ އިތުރު ރެކޯޑެއް ކެނަޑާގެ ޖޮގްލިން އެތުލީޓް މައިކަލް ކަޕްރަލް ރާއްޖޭގައި ހަދައިފި އެވެ.

ކަޕްރަލް އިއްޔެ ހެދި ރެކޯޑަކީ ޖޮގްލް ކުރަމުން އެންމެ ގިނަ ފަހަރަށް ސިޑީގެ ހަރުފަތްތަކަށް އެރުމުގެ ރެކޯޑެވެ. ރަސްރަނި ބަގީޗާގެ ފައްވާރު ބަލަން ހާއްސަ ކޮށްފައިވާ ސިޑިން، ތިން ބޯޅަ ޖޮގްލް ކުރަމުން ސިޑީގެ ހަރުފަތަކަށް އަރަމުން 2544 ފަހަރަށް ހަރުފަތަށް އެރި އެވެ.

އޭނާ އަމާާޒު ކުރީ 3000 ހަރުފަތަށް އެރުމަށެވެ. އެހެން ނަމަވެސް އެ އަދަދާ 500 ހަރުފަތާ ދުރުން އޭނާ ނިންމި ނަމަވެސް ދުނިޔޭގެ ރެކޯޑްގެ ތެރޭގައި އިއްޔެގެ އިވެންޓް ހިމެނޭ އެވެ. މީގެ ކުރިން ވެސް ޖޮގްލް ކުރަމުން ސިޑީގެ ހަރުފަތަށް އެރުމުގެ ރެކޯޑް އޮންނަނީ އޭނާ އަތުގަ އެވެ. ކުރިން އޭނާ ހެދި ރެކޯޑްގައި އަރާފައި ވަނީ 600 ހަރުފަތަށެވެ.

ޖޮގްލް ކުރުމަކީ، ބޯޅަ އުކަމުން ބޯޅަތައް ހިފަމުން މޫވްމެންޓްތައް ކުރިއަށް ގެންދިޔުމެވެ. ދުވަމުން ނުވަތަ ސިޑިއަށް އަރަމުންނެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހުވެސް އޭނާ ރާއްޖޭގައި ޖޮގްލު ކުރުމުން ދުނިޔޭގެ ރެކޯޑް ހަދާފަ އެވެ. އައްޑޫ ސިޓީގައި ޓީއެފްޖީ ބޭއްވި "ރަން އިން އައްޑޫ" ގައި ކަޕްރަލް ވަނީ ހަތަރު ބޯޅަ ބޭނުން ކޮށްގެން 10 ކިލޯމީޓަރު ދުވެފަ އެވެ. ދުނިޔޭގައި މުޅިން އަލަށް ހެދި ރެކޯޑް އޭނާ ފުރިހަމަ ކޮށްފައި ވަނީ، 55 މިނެޓާއި 48 ސިކުންތުންނެވެ.

އެ ރެކޯޑް ވެސް މީގެ ކުރިން އޮންނަނީ އޭނާގެ އަތުގަ އެވެ. އެހެން ނަމަވެސް ކުރިން އޭނާ ރެކޯޑް ހަދާފައި ވަނީ ތިން ބޯޅަ ޖޮގްލް ކުރަމުންނެވެ.