ދިވެހި ސިނަމާ

ޔޫއްޕެގެ "ދައުވަތު" އައްޑޫއަށް

ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު "ދައުވަތު" އައްޑޫ ސިޓީގައި ދެއްކުމަށް ނިންމާ ޓިކެޓް ވިއްކަން ފަށައިފި އެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓުކޮށް މިއަހަރު ގެނެސްދިން ތިން ވަނަ ފިޗާ ފިލްމު "ދައުވަތު" އައްޑޫ ސިޓީގައި ދެއްކުމަށް ހަަމަޖެހިފައިވަނީ މިމަހުގެ 17 އަދި 18 ވަނަ ދުވަހުގެ ރެއެވެ. މަރަދޫ ބޮޑަގޭގައި ދެއްކުމަށް ހަމަޖެހިފައިވާ ދެ ޝޯގެ ޓިކެޓްވެސް މިހާރު ދަނީ ވިއްކަމުން ނެވެ.

އަވަސްއާ ވާހަކަ ދައްކަމުން އައްޑޫގައި "ދައުވަތު" ދެއްކުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ އަބްދުﷲ ޒިއާއު ބުނީ ދެ ޝޯގެ ޓިކެޓްވެސް މިހާރު ވިކެމުން ދާކަމަށެވެ. އަދި 9403737 ނަންބަރަށް ގުޅުމުން ޓިކެޓް ގަންނަން ލިބޭނެ ކަމަށެވެ.

"ވައިބާ ކޮށްލުމުންވެސް އަޅުގަނޑުމެން އެ މީހެއްގެ ނަން ނޯޓް ކޮށްލާނަން. އަދި ޓިކެޓް ލިބޭނެ ގޮތް ހަމަޖައްސާނަން." ޒިއާއު ބުންޏެވެ.

ޔޫއްޕެގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ދައުވަތު" އަކީ ލޯބީގެ ބިރުވެރި ފިލްމެކެވެ. މި ފިލްމުގެ ލީޑް ތަރިންނަކީ މި އަހަރު ނެރުނު ފިލްމު "ނަފުރަތުވުމުން" ގެ ވެސް ލީޑް ތަރިން ކަމަށްވާ އަލީ އާޒިމް (ދޮންއައްޔަ) އާއި މަރިޔަމް އައްޒަ އަދި އަހުމަދު (އީސަ) އާނަންދު އެވެ.

ޖޫން މަހުގެ 12 ވަނަ ދުވަހު އޮލިންޕަހުގައި ޕްރިމިއާކުރި މި ފިލްމަކީ ރާއްޖޭގެ ދެކުނުގެ ހިސާބެއްގައި ދިރިއުޅުނު އާއިލާއަކަށް ދިމާވެފައިވާ ހަގީގީ ބިރުވެރި ހާދިސާއެއް އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ހައުސްފުލް ގިނަ ޝޯތަކެއް ވަނީ ދައްކާފައެވެ.