ވިޔަފާރި

އޭސީސީއޭ އެކައުންޓިން އެސޯސިއޭޝަނުން ތަމްރީން ދީފި

Oct 13, 2019
1

އެސޯސިއޭޝަން އޮފް ޗާޓެޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ގެ ރާއްޖޭގެ ޖަމިއްޔާ "އަމާމް" އިން އެކައުންޓެންޓުންނާއި ފައިނޭންސް ދާއިރާއަށް ހާއްސަ ތަމްރީން ތަކެއް ދީފި އެވެ.

އޭސީސީއޭ އާއި އަމާމް އިން ފައިނޭންސް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ދިވެހި އޮޑިޓަރުންނަށް ބޭއްވި މި ތަމްރީން ޕްރޮގްރާމުގައި 40 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.

އޮޓިޑަ ޖެނެރަލް އޮފީހުގައި އިއްޔެ ބޭއްވި މި ސެޝަންތަކުގައި މައުލޫމާތު ދެއްވާފައިވަނީ ފައިނޭންސިން އާއި އެކައުންޓިން ދާއިރާގައި މަސައްކަތް ކުރާ ދިވެހިންނެވެ.

މި ޕްރޮގްރާމުގެ ސްޕީކާސްގެ ގޮތުގައި ބައިވެރި މައުލޫމާތު ދެއްވާފައިވަނީ ކްރޯވްތްގެ ޕާޓްނަރު މުހައްމަދު ޒައީމް އާއި އެފްޖޭއެސް އެސޯސިއޭޓްސްގެ މެނޭޖިން ޕާޓްނަރު ފަރީޝާ ޝަރީފު އަދި އެޗްޑީއެފްސީގެ އޭޖީއެމް އަހުމަދު ޝަފީގުގެ އިތުރުން އެކައުންޓިން އާއި ފައިނޭންސް ދާއިރާ އިން ގިނަ ފާސް ތަކެއް ހޯއްދަވައިގެން ހުންނެވި، މުހައްމަދު ހަލީމެވެ. އަދި އަބްދުﷲ ހައުސަން ޝަރީފާއި އަބްދު ﷲ ވާރިސް ވެސް ހިމެނެ އެވެ.

އަމާމްގެ އޮފިޝަލަކު ވިދާޅުވީ ބޭނުމަކީ ފައިނޭންސް އާއި އެކައުންޓިން ދާއިރާ އަށް ދިވެހިން ނެރުން ކަމަށާއި މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފުން މުހިންމު ކަމަށެވެ.

"މި ދާއިރާ ކުރި އަރައިގެން ދާތަން އެބަ ފެނޭ. މީގެ ހެއްކެއް މީގެ ކުރިން މިފަދަ ތަމްރީންތައް މިދެނީ ބޭރު މީހުން. އެކަމަކު މިހާރު މިދެނީ ދިވެހިން. ކޮންމެ އަހަރަކު ވެސް އެކައުންޓިން ޕްރޮފެޝަންގެ ބޭފުޅުން ރިފްރެޝްވާން ޖެހޭ. އެހެންވެ މިއީ ކޮންމެހެން ބައިވެރިވާން ޖެހޭކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.