ބާ ކައުންސިލް

ވަކީލު ހުއްދަ ދޭނީ ބާ ކައުންސިލްގެ އިމްތިހާނު ހެދުމުން

ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދުމުގެ ކުރިން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) އިން ތައްޔާރު ކުރާ އިމްތިހާނަކާއި ތަމްރީންތައް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދޫކުރުމާ ބެހޭ ގަވާއިދު ބާ ކައުންސިލުން އެކުލަވާލައިފި އެވެ.

ސަރުކާރުގެ ގެޒެޓްގައި މިހާރު ޝާއިއުކޮށްފައިވާ އެ ގަވާއިދުގައިވާ ގޮތުން ވަކީލު ކަމުގެ ހުއްދައަށް އެދި ހުށަހެޅޭނީ، އެ ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ މަރުކަޒަކުން ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށް، 21 އަހަރު ފުރިފައިވާ ދިވެހިންނަށެވެ.

ވަކީލު ކަމަށް އެދި ހުށަހަޅާ މީހަކީ މިދިޔަ ފަސް އަހަރުގައި ޖިނާއީ ބޮޑު ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ އެވެ. އަދި ސާބިތު ދަރަންޏެއް އޮތްނަމަ ހުކުމާ އެއް ގޮތަށް އެ ދަރަންޏެއް އަދާކުރަމުންދާ މީހަކަށް ވާން ޖެހޭނެ އެވެ.

ބާ ކައުންސިލުން މިހާރު އެކުލަވާލާފައިވަ ގަވާއިދުގައިވާ ގޮތުން ވަކީލު ކަމުގެ ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ކުރިން ބާ އިމްތިހާނަކާއި ތަމްރީން ޕްރޮގްރާމެއް އެ ކަމަށް ޝަރުތު ހަމަވާ މީހުން ފުރިހަމަ ކުރަން ޖެހޭނެ އެވެ.

ބާ އިމްތިހާނުގައި ހިމަނާނެ ސުވާލުތައް ކަނޑައަޅައި އިމްތިހާނު ތައްޔާރު ކުރުމާއި އެ އިމްތިހާން ބޭއްވުމުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސާނީ ބާ ކައުންސިލްގެ އެކްސްކޯއިން ކަމަށާއި ކޮންމެ އަހަރަކު މަދުވެގެން އެއް ފަހަރު އެ އިމްތިހާނެއް ބާ ކައުންސިލުން ބާއްވަން ވާނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި އެ އިމްތިހާން އޮންނަ ތާރީހުގެ 90 ދުވަސް ކުރިން އެކްސްކޯއިން އާންމުކޮށް އިއުލާން ކުރަން ވާނެ ކަމަށް ބުނެފައިވެ އެވެ.

ވަކީލު ކަމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަ ކުރަން ޖެހޭ ތަމްރީނަކީ އެއް އަހަރު ދުވަހުގެ ތަމްރީނެކެވެ. އެ ތަމްރީން ފުރިހަމަ ކުރަން ވާނީ ބާ ކައުންސިލުން ހުއްދަ ދޫކުރާ ތަންތަނުގައި ގަވާއިދުގައިވާ ޝަރުތުތައް ފުރިހަމަވާ ސުޕަވައިޒަރުންގެ ބެލުމުގެ ދަށުންނެވެ.

ތަމްރީންތައް ކުރިއަށް ގެންދާނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ބާ ކައުންސިލްގައި ރަޖިސްޓާ ކޮށްގެން ހިންގާ ލޯ ފާމެއް ނޫނީ ޝަރުތު ފުރިހަމަވާ ސުޕަވައިޒަރަކު ފުލްޓައިމްކޮށް މަސައްކަތް ކުރާ ކޮންމެ ތަނެއްގަ އެވެ. އަދި ހުއްދައަށް އެދި ހުށަހަޅާ ފަރާތުން ހިޔާރު ކުރާ ތަނެއްގައި ތަމްރީން ފުރިހަމަ ކުރުމަށް ހުއްދަ ދިނުމާ މެދު ގޮތެއް ނިންމާނީ ބާ ކައުންސިލްގެ އެކްސްކޯއިންނެވެ.

އެ ތަމްރީންތައް ކުރިއަށްގެންދާ ސުޕަވައިޒަރަކީ ރާއްޖޭގައި ގަނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާތާ މަދުވެގެން ފަސް އަހަރުވެފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށާއި ތަމްރީން ކުރިއަށް ގެންދިއުމުގެ ހުއްދަ އޮތް ތަނެއްގައި ފުލް ޓައިމްކޮށް މަސައްކަތް ކުރާ ވަކީލަކަށް ވާން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި އެ މީހަކީ، ސުލޫކީ މައްސަލައަކާ ހުރެ އެއްވެސް ކޯޓެއްގައި ވަކާލާތު ކުރުން މަނާކުރެވިފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.

ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުން ދިރާސާ ކުރުމަށް ފަހު، ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުމާ ގޮތެއް ނިންމާނީ ލައިސިން ކޮމިޓީގެ ލަފާގެ މަތިން އެގްޒެކެޓިވް ކޮމިޓީންނެވެ. އަދި އެ ކަމަށް 30 ދުވަހުގެ ތެރޭގައި އެގްޒެކެޓިވް ކޮމިޓިން ހުއްދަ ދިނުމަށް އެދި ހުށަހެޅި ފަރާތަކަށް އަންގަންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.