ހަބަރު

އާބިޓްރޭޝަން މައްސަލަތަކުގައި ކޮމިޓީއަށް ލަފާދޭނެ އޮޑިޓަރެއް ހޯދަނީ

Oct 14, 2019

ސަރުކާރާ ދެކޮޅަށް ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ މާލީ ލިޔެކިޔުންތައް ދިރާސާކޮށްދޭނެ މިނިވަން އޮޑިޓް ފާމެއް ހޯދަން އިއުލާނުކޮށްފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާ ޙަވާލުކޮށްގެން ހިންގާފައިވާ އެކި މަޝްރޫއުތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން، މާލީގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލު ކުރުމާ ގުޅޭގޮތުން ރައީސަށް ލަފާދޭ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި، ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމަށްޓަކައި، މިނިވަން އޮޑިޓް ފާމެއް އައްޔަންކުރުމަށް ސަރުކާރުން ނިންމާފައި ކަމަށެވެ.

އެގޮތުން، ސެޓްލްމަންޓް ކޮމިޓީގެ ބޭނުމަށް އައް އްޔަނުކުރެވޭ އޮޑިޓް ފާމްތަކުގެ މައިގަނޑު މަސައްކަތަކަށްވާނީ ކޮމިޓީގައި މަޝްވަރާކުރެވޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ހުށަހެޅޭ މާލީ ހިސާބުތަކާއި ލިޔެކިޔުންތައް މުސްތަގިއްލު ކަމާއެކު އިވޭލުއޭޓްކޮށް، އެ މައްސަލަތަކުގައި ލިބިފައިވާ ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމުގައި ކޮމިޓީއަށް ލަފާއެރުވުން ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

"ކޯޓުން ބޭރުގައި ޙައްލުކުރެވޭ މައްސަލަތަކުގައި މިނިވަން އޮޑިޓް ފާމްއެއްގެ ލަފާ ހޯދުމުގެ މައިގަނޑު މަގްސަދަކީ އެކި އެކި ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ މިންވަރަކީ އަދުލުވެރި މިންވަރެއްކަން ޔަގީންކޮށް، ސަރުކާރުގެ މަސްލަހަތު ފުރިހަމަ ގޮތުގައި ހިމާޔަތްކުރުމެވެ،" ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

މި މަސައްކަތް ޙަވާލުކުރުމަށް ނިންމާފައިވަނީ ބީލަމުގެ އުސުލޫން ކަމަށްވާތީ، މަސައްކަތުގެ ތަފްސީލު ހިމެނޭ ޓާމްސް އޮފް ރިފަރެންސް އާއި ބީލަމާ ގުޅޭ ލިޔެކިޔުންތައް ވަރަށް އަވަހަށް ގެޒެޓްގައި ޝާއިއުކުރާނެކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ރައީސް ސޯލިހު ވެރިކަމަށް އަންނަ މަހު އެއް އަހަރު ފުރޭއިރު، މިހާތަނަށް ދައުލަތުން ވަނީ ގިނަ ބަޔަކަށް ގެއްލުމުގެ ބަދަލު ދީފައެވެ. އެއީ ކުރީ ސަރުކާރުން އެއްބަސްވުންތަކެއް އުވާލައިގެން ލިބުނު ކަމަށް ބުނާ ގެއްލުންތަކެވެ. އެތައް މިލިއަނުން ބަދަލު ދެމުންދާއިރު ސަރުކާރުން އެކަން ކުރަމުން ގެންދަނީ ކޯޓްގެ ތިން މަރުހަލާ ވެސް ނިމުމުގެ ކުރިންނެވެ. އަދި ބަދަލު ދޭ ފަރާތްތަކަކީ ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކެއް ކަމުގެ ތުހުމަތުވެސް އިދިކޮޅުން ކުރެއެވެ.