ވިޔަފާރި

ޓްރޭޑްނެޓް މޯލްޑިވްސް ވިޔަފާރިތަކަށް ލުއި ހޯދައިދޭނެ: މިނިސްޓްރީ

Oct 14, 2019

ސަރުކާރުން އިއްޔެ އުފެއްދި، ޓްރޭޑްނެޓް މޯލްޑިވްސް ކުންފުނީގެ ސަބަބުން މުދާ އެތެރެކޮށް، ބޭރު ކުރާ ވިޔަފާރިތަކަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ޓްރޭޑްނެޓް މޯލްޑިވްސްގެ ހިދުމަތްތަކާބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ކުންފުނިން ބަލަހައްޓާ ނޭޝަނަލް ސިންގަލް ވިންޑޯ ނިޒާމަކީ އިމްޕޯޓް / އެކްސްޕޯޓް އަދި ޓްރާންސްސިޓް މުދާ ކްލިއަ ކުރަން ހުށަހަޅާ ޑިކްލަރޭޝަންތަކާއި ސަރުކާރުގެ އެކި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ޕްރޮސެސް ކޮށްދޭ ނިޒާމެއް ކަމަށެވެ.

އެ ނިޒާމުގެ ތެރެއިން ވިޔަފާރިވެރިންނާއި ލޮޖިސްޓިކްސް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރުމުގައި ސަރުކާރުގެ ވުޒާރާތަކާއެކު ކުރެވޭ މުއާމަލާތްތައް ފަސޭހަ ކަމާއެކު ކުރަން އެހީވެދޭނެ ކަމަށެވެ.

ވިއުގައަކުން ހަތް އިދާރާއެއް ގުޅާލާނެ

އިކޮނޮމިކް މިނިސްޓްރީން ބުނީ ސިންގަލް ވިންޑޯގައި ހަތް ވުޒާރާއެއް އެއް ވިއުގައަކުން ގުޅާލާނެ ކަމަށެވެ. އަދި މި ވިއުގައާއެކު ވިޔަފާރިވެރިން ވަކި ހުއްދަ ނަގަން ސަރުކާރުގެ ވަކި ވުޒާރާތަކަށް ޒިޔާރަތް ކުރަން ޖެހޭ ޖެހުން ވެސް ނިމުމަކަށް ދާނެ ކަމަށެވެ.

އެއް ވިއުގައިން ގުޅާލާ މުއައްސަސާތަކުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީ އާއި ކަސްޓަމާއި އެމްޕީއެލް އާއި އެމްއޭސީއެލް އަދި ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިތުރުން ފިޝަރީޒް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ ހިމެނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަންނަ 2020 ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގެ މަސައްކަތް 2021 ގައި ނިމޭނެ ކަމަށެވެ. މި ފިޔަވަހި ނިމޭއިރު ހަތް ވުޒާރާ ސިންގަލް ވިންޑޯއަކުން ގުޅާލެވޭނެ ކަމަށެވެ.