އޮފްބީޓް

ކުދިންގެ އަޚުލާގު ރަނގަޅުކުރަން ފުނޑުކޮށްލީ ފޯނުތައް

ކޮލެޖަށް ދާއިރު މޮބައިލް ފޯނު ގެންދިއުމަކީ މިހާރު ހުރިހާ ކުދިން ވެސް ކުރާ ކަމެކެވެ. ނަމަވެސް ބައެއް ސްކޫލްތަކުގައި ފޯނު ބޭނުން ކުރެވެނީ ވަކި ގަވާއިދުތަކެއްގެ މަތިންނެވެ. ކޮލެޖަށް ދާ އެއްވެސް ކުއްޖަކަށް މިހާރު ފޯނު މަނާ ކުރުމަކީ ކުރެވޭނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެ އެވެ. ފިލާވަޅު ދަސް ވިޔަސް ނުވިޔަސް އަދި ކޮލެޖުގައި އެހެން އެއްވެސް ކަމެއް ނުވިޔަސް ފަރުވާލެއް ނެތެވެ. މޮބައިލް އެންމެ ހިނދުކޮޅަކަށް ވެސް އަތުން ދުލެއް ނުކުރެވޭނެ އެވެ.

މޯބައިލް ފޯނުގެ މައްސަލަ ބޮޑުޗވެގެން އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ އުތަރަ ކަންނާޑާ ޑިސްޓްރިކްޓްގައި ހުރި ސްކޫލެއްގެ ޕްރިންސިޕަލަކު ކަންތައް ކުރި ގޮތުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެ ގިނަ ބަޔަކު މި ވީޑިއޯ އަށް ތަފާތު ޝުއޫރުތައް ފާޅު ކުރި އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ތެރޭގައި ހިނގާފައިވާ މި ހާދިސާގައި ޕްރިންސިޕަލް ކަންތައް ކުރެއްވި ގޮތުން މި ކޮލެޖުގެ ކުދިންގެ ބެލެނިވެރިން ވަރަށް ހިތްހަމަ ނުޖެހުނެވެ.

އެމްއީއެސް ޗައިތަންޔާ ޕީޔޫ ކޮލެޖުގައި އެއްވެސް ކުއްޖަކު މޯބައިލް ގެންގުޅުން މަނަލެވެ. ނަމަވެސް ގިނަ ކުދިން ކޮލެޖަށް ދަނީ މޮބައިލް ހިފައިގެންނެވެ.

މިކަން ޕްރިންސިޕަލް އާރްއެމް ބަޓް އަށް އެނގި ވަޑައިގަތުމުން އިންޒާރުގެ ބޮޑު ނޯޓިސް އެއް ނެރުއްވިއެވެ. ކޮލެޖަށް ފޯނު ގެންނަ ކުދިންގެ ފޯނު އަތުލާނެ ކަމަށް މި ނޯޓިސްގައި ބުނެފައި ވެއެވެ. މި ވަރުން ވެސް ބައެއް ކުދިން ކެމްޕަސް އަށް ފޯނު ހިފައިގެން ވަދެ އެވެ.

މައްސަލަ ހައްލު ކުރަން ޕްރިންސިޕަލް ކުރެއްވި ކަމަކީ މޮބައިލް ފޯނު ބޭނުންކުރުމާ ގުޅޭ ވާހަކަތައް ކިޔައިދޭން ކްލާހެއް ބޭއްވީ އެވެ. އެ ކޮލެޖުގައި ފުރަތަމަ އަހަރާއި ދެ ވަނަ އަހަރު ކިޔަވަމުންދާ ހުރިހާ ކުދިންނަށެވެ. އޮޑިޓޯރިއަމްގައި ބޭއްވި މި ކްލާސް ހިނގަމުންދިޔަ ވަގުތު ކުއްލިއަކަށް ޕްރިންސިޕަލް އަންގައިގެން ސްޓާފުން އައިސް ކުދިން އަތުގައި މޮބައިލް ފޯނު ހުރިތޯ ފާސް ކުރަން ފެށި އެވެ. މި ފާސްކުރުމުގެ ތެރޭގައި 17 ފޯނު ހޯދައި އެ އެއްޗެތި އެ ކުދިންގެ އަތުން އަތުލި އެވެ.

މޮބައިލް ފޯނު ގެންނަ ކުދިންނަށް ފިލާވަޅެއް ދަސްކޮށް ދެއްވުނުމުގެ ބޭނުމުގައި ޕްރިންސިޕަލް ކުރެއްވި ކަމަކީ މި 17 ފޯނުގެ ތެރެއިން ދެ ފޯނެއް މަރުތޭލަކުން ޖަހާ ފުނޑުފުނޑު ކޮށްލެއްވީ އެވެ. ދެން އޮތް 15 ފޯނު ލޮކާގައި ތަޅުލާފައި ބާއްވާނެ ކަމަށާއި ފޯނުތައް ލިބޭނީ އަހަރީ އިމްތިހާނަށް ފަހު ކަމަށް ޕްރިންސިޕަލް އެ ކުދިންނަށް އެންގެވި އެވެ. ފޯނުތަކަށް އޭނާ މިހެން ހެދީ ކުދިން ހޭލުންތެރި ކުރުވުމަށާއި އިންޒާރު ދިނުމުގެ ގޮތުން ކަމަށް ވެއެވެ.

ޕްރިންސިޕަލް މަރުތޭލުން ޖަހާ ފޯނު ފުނޑުކޮށްލާ މަންޒަރު ވީޑިއޯ ކޮށްފައިވާއިރު އެ މަންޒަރު ބަލަން ތިބި ކުދިން އެކައްޗެކޭ ވެސް ނުބުނެ މަޑުމަޑުން އެތާނގައި ތިއްބާ ފެނެ އެވެ. އެއްވެސް ކުއްޖަކު ޕްރިންސިޕަލް ހުއްޓުވަން މަސައްކަތެއް ނުކުރެ އެވެ.

މި ވީޑިއޯ ވައިރަލް ވުމުން ވަރަށް ގިނަ ބަޔަކު ވީޑިއޯ އަށް ކޮމެންޓް ކުރި އެވެ. މިކަމާ ބެހޭ ގޮތުން އެކި މީހުން ފާޅުކުރީ މަސްހުނި ޚިޔާލު ތަކެކެވެ. އެއްބަޔަކަށް މިކަން ކަމުދިޔައިރު އަނެއް ބަޔަކު ވަރަށް ރުޅިގަދަވެގެން ވެސް ކޮމެންޓް ކޮށްފައި ވެއެވެ.

މަރުތޭލަކުން ފޯނު ތަޅާލުމުގެ ބޭނުމުގައި ކޮބައިތޯ ބައެއް މީހުން ސުވާލު ކުރި އެވެ. އަދި އަނެއް ބަޔަކު ބުނީ މި ދެން ތަންކޮޅެއް ބޮޑުވަރު ކަމަށެވެ.