އޮފްބީޓް

އަތްފައިގެ އިނގިލިތައް ގިނަ ބޮޑު އާއިލާއެއް!

ފަންސަވީސް މީހުން ހިމެނޭ އެއް އާއިލާގެ އެންމެންގެ ވެސް އަތާއި ފައިގައި އާއްމުކޮށް މީހުންގެ އަތާއި ފައިގައި ހުންނަ ވަރަށް ވުރެ އިނގިލިތައް ގިނަ އެވެ. އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ރަށެއްގައި ދިރިއުޅޭ މި އާއިލާއަށް މިހެން ދިމާވެފައިވަނީ ޖެނެޓިކްސް މައްސަލައެއް ހުރެގެނެވެ. އަދި އަތާއި ފައިގެ އިނގިލި ގިނަ ކަމުން ވަޒީފާ ހޯދުމަށާއި ތައުލީމު ހާސިލު ކުރުމަށް މި މީހުންނަށް ވަނީ ދަތި ތަކާ ކުރިމަތި ވެފަ އެވެ.

ޑޮކްޓަރީ ބަހުން މިގޮތަށް ހުރުމަށް ކިޔަނީ ޕޮލިޑެކްޓްލީ އެވެ.

މި އާއިލާގެ މެމްބަރެއް ކަމަށްވާ ބަލްދޭވް ޔަވާލޭ ބުނި ގޮތުގައި އާއިލާގެ އެންމެންގެ ވެސް ޕޮލިޑެކްޓްލީ ހުރެ އެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ދަރިން ސްކޫލަށް ފޮނުވިޔަސް ރަނގަޅަށް ކިޔެވޭނެ ގޮތެއް ނުވެ އެވެ. ސަބަބަކީ ސްކޫލުގައި ތިބޭ އެހެން ކުދިން އެކުދިންނަށް މަލާމަތް ކުރާތީ އެވެ.

"އަހަރެމެން މިހާރު ވަނީ ސަރުކާރުގެ އެހީތެރިކަމަށް އެދިފައި. ސަބަބަކީ އަހަރެމެންގެ އަމިއްލަ ބިމެއް ނެތިފައި ފަގީރުކަމުން،" ޔަވާލޭ ބުންޏެވެ.

ޔަވާލޭގެ ދަރިފުޅު ސަންތޯޝް ބުނީ ސްކޫލުގައި ނުކިޔެވުމުގެ އިތުރުން ވަޒީފާއެއް އަދާކުރަން ވެސް އެމީހުން ވަނީ ނުކުޅެދިފަ އެވެ. އޭނާ ބުނީ އާދައިގެ ފައިވާނެއް ބޫޓެއް އޭނާގެ ފަޔަށް ފިޓްނުވާ ކަމަށެވެ. އަދި ގްރޭޑް 10 އާ ހަމަޔަށް ކިޔާފައި ހުއްޓާލާފައިވާ ކަމަށެވެ.

"އަހަރެންގެ ދެ އަތުގައި 12 އިނގިލި އަދި ދެ ފައިގައި 14 އިނގިލި އެބަހުރި. އެހެންވެ އަހަންނަކަށް އެއްވެސް މީހަކު ވަޒީފާއެއް ނުދިން،" ސަންތޯޝް ބުންޏެވެ.