ހޮލީވުޑް

އެންމެ ފޮޓޯ އަކުން "ފްރެންޑްސް"ގެ ރީޔޫނިއަން އެއް

އިއްޔެ ދޫކޮށްލި މި ފޮޓޯ ވައިރަލް ވީ ސިކުންތު ކޮޅެއް ތެރޭގަ އެވެ. ކޮންމެ މީހެއްގެ އިންސްޓަގްރާމް ސްޓޯރީ އަށާއި ފޭސްބުކް ވޯލްގައި މި ފޮޓޯ ޝެއާ ކުރި އެވެ. އެންމެން ވެސް އުފަލުންނެވެ.

ހޮލީވުޑް ތަރި ޖެނިފާ އެނިސްޓަން އިންސްޓަގްރާމް އަށް ވަދެ އަޕްލޯޑް ކުރި ފުރަތަމަ ފޮޓޯ އަށް ކުޑަ އިރުކޮޅެއް ތެރޭ ލައިކްސްތައް ލިބެމުން ގޮސް މިހާރު ވަނީ އަށް މިލިއަނަށް ވުރެ ގިނަ ލައިކްސް ލިބިފަ އެވެ. ފޮޓޯގައި ފެނުނީ މީގެ 25 އަހަރު ކުރިން ރިލީޒް ކުރި ސިޓްކޮމް "ފްރެންޑްސް"ގެ ލީޑް ކާސްޓު އެކުގައި އެއް ފްރޭމަކުންނެވެ. ކާސްޓު އެއްކޮށް އެއް މޭޒަކުން ދިމާވުން މިއީ އާއްމުކޮށް ނުވާ ކަމެކެވެ.

"އަހަަރުމެންނަކީ މިހާރު އިންސްޓަގްރާމްގައި ވެސް ފްރެންޑްސް" ޖެހުމަށްފަހު ޖެނިފާ އަޕްލޯޑް ކުރި ފޮޓޯ އާއެކު ކޮންމެ މީހަކަށްވެސް "ފްރެންޑްސް"ގެ ރީޔޫނިއަން އެއް ލިބުން ކަހަލަ އެވެ. މި ސީރީޒް އަށް ސަޕޯޓް ކުރާ މީހުން ފޮޓޯ ޝެއާ ކުރަމުން މިއީ އުއްމީދުކޮށްގެން ހުރި ކަމެއް ނޫން ކަމަށް ދިޔައީ ބުނަމުންނެވެ. އަދި، އެ އެންމެންވެސް ތަފާތު ތަކާއެކު ފެނުމުން ބުނަންވެސް ނޭނގޭ އުފާވެރިކަމެއް ލިބުނު ކަމަށް ބުނެ އެވެ.

ޖެނިފާ އަޕްލޯޑް ކުރި ފޮޓޯ--

އެންމެން އެކު ދިމާވުމުން ކާސްޓުންގެ މޫނުމަތިން އުފާވެރިކަން ފެނުނު ކަމުގައި ވިޔަސް ސިފަ ތަފާތު ވެފައި ދުވަސް ވެއްޖެ އެވެ. ބޮލުގައި ހުރި ނުރަތަކާއި މޫނުގެ އެކި ދިމަދިމާލުގައި ހުރި ރޫތައްވެސް ފެނި ފޭނުންގެ ހިތްތަކާ ކުޅެލި އެވެ.

އަދި މި ފޮޓޯ އާއެކު މި ކުޑަ ރީޔޫނިއަން މިހިސާބުން ނިމުނީ އެއް ނޫނެވެ. ސީރީޒްގެ ލީޑް ތަރި ކޯޓްނީ ކޮކްސް ވެސް ފަހުން އެހެން ފޮޓޯ އެއް އަޕްލޯޑް ކުރި އެވެ. އެންމެންވެސް އަޅައިގަތީ އެ ފޮޓޯގައި ޖަހާފައިވާ ކެޕްޝަން އެވެ. އެއީ ސީރީޒްގައި ކޯޓްނީގެ މަޝްހޫރު ލައިނެކެވެ.

"ފްރެންޑްސް" ސީރީޒްގެ ފުރަތަމަ އެޕިސޯޑުގައި އެ ޖުމްލަ ކޯޓްނީ ބުނަނީ އޭނާ އާ އެކު އެއް ގެއެއްގައި ރޫމް މޭޓަކަށް ވެގެން ދިރިއުޅެން އަންނަ ޖެނިފާ އަށެވެ. ބައްޕަގެ ފައިސާއިން ދިރިއުޅެމުން އައި ޖެނިފާ އަށް އަސްލު ދުނިޔެ ފެންނާނީ ދެން ކަމަށް ބުނެ އެ އެޕިސޯޑުގައި ކޯޓްނީ މަރުހަބާ ކިޔަނީ މަޖާ ގޮތަކަށެވެ. "ވެލްކަމް ޓު ދަ ރިއަލް ވޯލްޑް. އިޓް ސަކްސް!". މި ޖުމްލަ ފަހުގެ ފޮޓޯގައި ބޭނުން ކުރީ "ވެލްކަމް ޓު ދަ ސޯޝަލް މީޑިއާ ވޯލްޑް" ގޮތުގަ އެވެ. އެންމެނަށްވެސް އެތައް ހަނދާނެއް އާ ކޮށްދީ އެ ދެ އެކުވެރިންގެ ނުގެއްލޭ ގުޅުން އަލުން ފެނުނެވެ.

ފްރެންޑްސްގެ ކާސްޓް، އެއް ޝޯ އަކުން އެކުގައި ނުފެނި އެތައް ދުވަހެއް ވި އެވެ. އެންމެން އެކުގައި ބައްދަލުވެ ޝޯގެ ވާހަކަތައް ހިއްސާ ކުރުމަކީ މި ސީރީޒް ހުއްޓުމެއް ނެތި ބަލާ މީހުންގެ އެންމެ ބޮޑު އެދުމެވެ. "ފްރެންޑްސް"ގެ އެންމެ ފުރަތަމަ އެޕިސޯޑް އެއާ ކުރީ 1994 ގަ އެވެ. މިއަދާ ހަމަ އަށްވެސް މުޅި ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ ޖޭމްސް ބުރޯސްގެ ދިހަ ސީޒަނަށް ކުރިއަށްގެންދިޔަ މި ޝޯ އަކީ އެތައް ބަޔެއްގެ ބަލާބަލާ ފޫހި ނުވާ ފޭވަރިޓެވެ. އާ ޝޯ ތަކެއް ރިލީޒް ކުރިއަސް މި ޝޯ ވައްޓާ ލެވޭ ވަރެއް ނުވެ އެވެ.