ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން މާސްޓާކާޑާއި ބިޒްނަސް ޑެބިޓް ކާޑު ތައާރަފުކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖެއަށް މާސްޓާކާޑާއި ބިސްނަސް ޑެބިޓް ކާޑު ތައާރަފު ކޮށްފި އެވެ.

މާސްޓާ ކާޑު އިފްތިތާހު ކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރު ޢަލީ ހާޝިމެވެ. އަދި އެ ރަސްމިއްޔާތުގައި ބިޒްނަސް ޑެބިޓް ކާޑުވެސް ވަނީ އިފުތިތާހުކޮށްފަ އެވެ.

މިއަދު ހެނދުނު ކްރޮސް ރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މާސްޓާކާޑުގެ ހުރިހާ ޕްރޮޑަކްޓްތަކެއް ތައާރަފު ކުރި އެވެ. އެގޮތުން، މާސްޓާކާޑް- ބިޒްނަސް ޑެބިޓް ކާޑާއި ޕްރީމިއަމް މާސްޓާކާޑް އަދި ވޯލްޑް ކްރެޑިޓް ކާޑު ހިމެނެ އެވެ.

އަލަށް ތައާރަފު ކުރި މާސްޓާ ކާޑަކީ ފަސޭހަ ކަމާއި، ރައްކާތެރި ކަމާއެކު ޕޭމަންޓް ހެދުމަށް ފަރުމާކޮށްފައިވާ ކާޑު ތަކެއް ކަމަށް ބެންކުން ބުނެ އެވެ. އަދި މިއީ އާއްމުންނަށާއި ވިޔަފާރިތަކަށް ފަސޭހަ ކަމާއި ރައްކާތެރިކަމާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ މަގުފަހި ކުރުމުގެ ގޮތުން ތައާރަފު ކުރި ކާޑެއް ކަމަށްވެސް ބުންޏެވެ.

މި ރަސްމިއްްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަ ޓިމް ސޯޔާ ވިދާޅުވީ ބީއެމްއެލް އާއި މާސްޓާކާޑަކީ ވެސް ކަސްޓަމަރުންނަށް ހިދުމަތްދިނުމުގައި އެންމެ ޒަމާނީ އުފެއްދުންތަކާއި ހިދުމަތްތަކަށް އިސްކަންދޭ ފަރާތްތަކަށް ވުމުން، ކަސްޓަމަރުންނަށް ދޭ ހިދުމަތަށް އިތުރު ފުރިހަމަކަމެއް އަންނާނެ ކަމަށެވެ.

މީގެ އިތުރުން، ރަސްމިއްޔާތުގައި ސްރީލަންކާ އަދި ރާއްޖެއަށް މާސްޓާކާޑްއިން ކަނޑައަޅުއްވާފައިވާ ކަންޓްރީ މޭނޭޖަރު، މރ. ސަންތޯސް ކުމާރު ވިދާޅުވީ މި އެއްބަސްވުމާއެކު ސަރަހައްދީ ގޮތުން މާސްޓާކާޑްގެ ހިދުމަތްތައް ލިބޭ ގައުމުތައް އިތުރުވެ ގިނަ ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ޕޭމަންޓް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ބީއެމްއެލްއިން މިއަދު ތައާރަފު ކުރި ބިޒްނަސް ކާޑަކީ ކުދި ވިޔަފާރިތަކަށް ފަސޭހަ ކަމާއެކު އެކައުންޓް މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން ތައާރަފު ކުރި ކާޑެއް ކަމަށް ބެންކުން ބުނެ އެވެ. އަދި މި ކާޑުން ރާއްޖެއާއި ރާއްޖޭން ބޭރުގެ މާސްޓާކާޑްގެ ނެޓްވޯކް މެދުވެރިކޮށް މުއާމަލާތްތައް ހިންގޭނެ ކަމަށްވެސް ބުންޏެވެ.

"މިކާޑު ލިންކް ކުރެވޭނީ ވިޔަފާރި އެކައުންޓަށްވުމުން ފަސޭހަކަމާއެކު ކޮންމެ ތަނަކުން ވެސް ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތްތައް ކޮށްލެވޭނެ. މީގެ ސަބަބުން ވިޔަފާރީގެ ކޭޝްފްލޯ ވަކިން ބެލެހެއްޓުމާއި ރެކޯޑް ބެލެހެއްޓުން ފަސޭހަ ވާނެ. ބިޒްނަސް ޑެބިޓް ކާޑަކީވެސް އެންމެ ޒަމާނީ ސެކިއުރިޓީ ފީޗާސް އެކުލެވޭ ކާޑެއް." ބިޒްނަސް ކާޑާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވި އެވެ.

މި ދެ ކާޑާ ބެހޭ މައުލޫމާތު ވެސް ބެންކުގެ ވެބްސައިޓުން ލިބޭނެ އެވެ.