ވިޔަފާރި

ފަސޭހައިން ފައިސާ ދެއްކޭ ނިޒާމެއް ބީއެމްއެލް އިން ތައާރަފުކޮށްފި

Oct 17, 2019

ކާޑާއި އޮންލައިންކޮށް ކަސްޓަމަރުން ކުރާ މުއާމަލާތްތައް ވިޔަފާރި ތަކުން ފޯން ބޭނުން ކޮށްގެން ފަސޭހަ ކަމާއެކު ފައިސާ ދެއްކޭ، މޮބައިލް ޕޮއިންޓް އޮފް ސޭލް (އެމްޕޮސް) އަދި މާޗަންޓް ޕޯޓަލް ބީއެމްއެލް އިން ތައާރަފްކޮށްފި އެވެ.

ކްރޮސް ރޯޑްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޕޮސްގެ ހިދުމަތް ނުވަތަ ވިއުގަ ތައާރަފުކޮށްދެއްވީ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާސިމް އެވެ.

އެމްޕޮސްގެ ހިދުމަތަކީ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު އަދި ޕްރީޕެއިޑް ކާޑުން ކޮންމެ ވަގުތެއްގައި ވެސް ފައިސާ ދައްކާ ލެވޭ ފަސޭހަ ނިޒާމެކެވެ. މި ނިޒާމުން ފައިސާ ދައްކަން ޕީއޯއެސް މެޝިނެއް ބޭނުމެއް ނުވެ އެވެ.

އެމްޕޮސް އާއެކު ބީއެމްއެލް އިން މިއަދު ވަނީ ވިޔަފާރި ތަކަށް ހާއްސަކޮށް "މާޗަންޓް ޕޯޓަލް" ގެ ނަމުގައި ވިއުގައެއް ފުރިހަމަކޮށް ދީފަ އެވެ. މި ވިއުގަ މެދުވެރިކޮށް ވިޔަފާރި ތަކުން ފައިސާ ދެއްކުމަށް އޮންލައިން ނުވަތަ އީމެއިލާއި މެސެންޖާ ނުވަތަ ވަޓްސް އެޕް އަދި ވައިބާ ފަދަ ޕްލެޓްފޯމް ތަކުން ލިންކް ފޮނުވާލައިގެން ކޮންމެ ތާކު ހުރެގެންވެސް ޕޭމަންޓް ފުރިހަމަ ކޮށްލެވޭނެ އެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ ބައެއް ރިޕޯޓްތައް މި ސިސްޓަމުން ތައްޔާރު ކޮށްލެވޭނެ އެވެ. މި ހިދުމަތް ތައާރަފު ކުރުމުން ބީއެމްއެލް މޮބައިޕް ލޭ ހިދުމަތް ލިބޭ ކަސްޓަމަރުން ނަށް "ކިޔުއާރު ކޯޑް" ސްކޭން ކޮށްލައިގެން މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމުގެ ހިދުމަތް ފުރިހަމަވާނެ އެވެ.

މި ހިދުމަތާ ބެހޭ ގޮތުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ މިއަދު ވިދާޅުވީ މި ހިދުމަތުގެ އެންމެ ބޮޑު ޔަގީން ކަމަކީ ރައްކާތެރިކަން ކަމަށެވެ.

"އުއްމީދަކީ ރާއްޖޭގެ އެންމެހާ ވިޔަފާރިތަކަށާއި އެ ވިޔަފާރިތަކާއެކު މުއާމަލާތް ކުރައްވާ ކަސްޓަމަރުންނަށް ވެސް މި ހިދުމަތުގެ ފައިދާ ލިބިގެން ދިޔުން. މި ހިދުމަތުގެ ސަބަބުން ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްކުރުމުގެ އިތުރުން ނަގުދު ފައިސާއާ ނުލައި މުއާމަލާތް ކުރާ މުޖުތަމަ އަކަށް ވާސިލްވުމަށް މަގު ފަހިވެގެން ދާނެ،" ސޯޔާ ވިދާޅުވި އެވެ.