ދިވެހި ސިނަމާ

މުއާގެ "ލީނާ" ބައިސްކޯފަށް

މިދިޔަ ޖުލައި މަހުގެ ރިލީޒް ކުރި އަބްދުﷲ މުއާޒުގެ ފުރަތަމަ ފީޗާ ފިލްމު "ލީނާ" ބައިސްކޯފުން ބަލައިލެވޭނެ ގޮތް ހަދައިފި އެވެ.

"ލީނާ" ބައިސްކޯފަށް ލާފައިވަނީ މީގެ ދެތިން ދުވަސް ކުރިން ބަޔަކު މީހުން އެ ފިލްމު ޔޫޓިއުބްގައި ލީކްކޮށްލާފައި ވަނިކޮށެވެ.

ރާއްޖޭގައި ހިނގި މަރުގެ ހާދިސާއަކުން އިންސްޕަޔާ ވެގެން ތައްޔާރުކުރި "ލީނާ" ލީކުކޮށްލީ ކޮން ބައެއްކަން ނޭންގޭ ކަަމަށް ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަބްދުﷲ މުއާޒް ވަނީ ބުނެފަ އެވެ. މުއާ ބުނީ ޔޫޓިއުބަށް ލާފައިވާ ފިލްމު ޑިލީޓްކޮށްލާއިރަށް އަނެއްކާ އެބަޔަކު އަޕްލޯޑްކުރާ ކަމަށެވެ.

ފިލްމު "ލީނާ" ބައިސްކޯފުން ބަލައިލެވޭ ގޮތް ހަދާފައިވާއިރު، ޔޫޓިއުބް މެދުވެރިކޮށް އެތައްހާސް ބަޔަކު ވަނީ އެ ފިލްމު ބަލާފަ އެވެ.

މުއާ ބުނީ "ލީނާ" އުފެއްދުމުގައި ބައިސްކޯފްގެ ދައުރެއް ވެސް އޮތް ކަމަށެވެ. އަދި ލީކްވެފައިވަނިކޮށް "ލީނާ" ބައިސްކޯފަށް ވިއްކާލާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.

ލީނާ އުފައްދާފައި ވަނީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށެވެ. ފިލްމުގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ މަރިޔަމް އައްޒަ އެވެ. އައްޒަގެ ލޯބިވެރިޔާގެ ރޯލު އަލީ އާޒިމް (ދޮން އައްޔަ) ކުޅެފައިވާއިރު ގާތިލުގެ ރޯލު ކުޅުނީ މުއާ އެވެ. އެހެން މުހިއްމު ބައިތަކުގައި ނުޒުހަތު (ނުޒޫ) ޝުއައިބު، ޒީނަތު އައްބާސާއި އަހުމަދު ނިމާލް އަދި އަހުމަދު އީސަ (އާނަންދު) ވެސް ހިމެނެ އެވެ.

މިއަހަރު ސްކްރީނަށް ގިނަ ފިލްމުތަކެއް އައިސްފައިވާއިރު "ލީނާ"އަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމެކެވެ. "ލީނާ" ގެ ހައުސްފުލް ގިނަ ޝޯތަކެއް އޮލިމްޕަހުގައި ދައްކާފައިވާއިރު، އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައިވެސް ފިލްމު ވަނީ ދައްކާފައެވެ.