އޮފްބީޓް

10 ފޫޓު ހަރުފައެއް ކަރުގައި އޮޅާލި މީހަކު ސަލާމަތްކޮށްފި

އިންޑިއާގެ ކެރެލާ ސްޓޭޓްގެ ތުރިވަނަންތަޕޫރަމްގައި މިދިޔަ އަންގާރަ ދުވަހު ހިނގި ހާދިސާއެއްގައި ބޮޑު ސިންގާ ހަރުފައެއް މީހެއްގެ ކަރުގައި އޮޅާލައި އެމީހާ މަރުނުވީ ކިރިޔާ އެވެ. މީހާގެ ކަރުގައި ހަރުފަ އޮޅާލާފައި ވަނިކޮށް ނަގާފައިވާ ވީޑިއޯ އެއް އޭއެންއައި ނިއުސް އެޖެންސީން ކުރި ޓުވީޓެއްގައި ޕޯސްޓް ކޮށްފައި ވެއެވެ.

އަދި މި މަންޒަރު ބަލާފައި ގިނަ ބަޔަކު ބިރުން ފިތްކަނޑައިގެންދާވަރު ވިކަމަށް ވީޑިއޯއަށް ކޮށްފައިވާ ކޮމެންޓްތަކުގައި ވެއެވެ.

'ދަ ހިންދޫ"ގައި ޝާއިއުކޮށްފައިވާ މި ޚަބަރުގައިވާ ގޮތުން ހަރުފައިގެ ދިގުމިނުގައި 10 ފޫޓު ހުއްޓެވެ. ނަވާވީސް ސިކުންތުގެ މި ވީޑިއޯގައި ފެންނަނީ 61 އަހަރުގެ ފިރިހެނެއްގެ ކަރުގައި ހަރުފަ އޮޅާލާފައި އޮއްވަ އެވެ.

އަދި އޭތި ނައްޓާ އެމީހާ ސަލާމަތް ކުރަން އޭނާ އާއެކު ތިބި އިތުރު ބަޔަކު މަސައްކަތް ކުރާ ތަނެވެ. ނަސީބަކުން އެމީހުންގެ މަސައްކަތް ކާމިޔާބުވެ އެމީހާގެ ކަރުން އޭތި މަޑުމަޑުން ދޫކުރަމުން ދޫކުރަމުން ގޮސް ދޫވެ އެވެ. ފަހުން އެމީހުން ވަނީ ހަރުފަ ގޯންޏަކަށް ލައިގެން ގެންގޮސް ފޮރެސްޓް އޮފިޝަލުންނާ ހަވާލު ކޮށްފަ އެވެ.

ވީޑިއޯ ބެލި އެތައް ހާސް ބަޔަކު ވަނީ ފިރިހެންމީހާގެ ދެ އެކުވެރިން އޭނާ ސަލާމަތްކުރަން ކުރި މަސައްކަތަށް ތައުރީފުކޮށްފަ އެވެ. އަނެއް ބަޔަކު އުފާވީ ހަރުފަ މަރާނުލާ ސަލާމަތްކޮށް ޖަންގަލި ތެރެއަށް ދޫކޮށްލެވޭނެ ގޮތް ވީމަ އެވެ.

ހަރުފަ ހަމަލާދިން ބުވަނާޗަންދުރަން ނާޔަރު ނަމަކަށް ކިޔާ މި މީހާ އާއި އޭނާގެ ދެ އެކުވެރިން މަސައްކަތް ކުރަމުން ދިޔައި ޖަންގަލީގެ ބައެއް ސާފު ކުރުމަށެވެ. ބުވަނާޗަންދުރަން އަށް ހަރުފަ ފެނިގެން އޭތި ހިފައި ގޯންޏަކަށް ލާން މަސައްކަތް ކުރަނިކޮށް ކަމަށް ވެއެވެ. ހަރުފަ އޭނާގެ ކަރުގައި އޮޅާލީ އޭތި ހިފަން މަސައްކަތް ކުރަނިކޮށް ކުއްލިއަކަށް ހަމަލާ ދީގެންނެވެ.