ޑޮމެސްޓިކް އެއާޕޯޓް

ހަތަރު އެއާޕޯޓަށް ފަޔާ ފައިޓަރުން ތަމްރީން ކުރަން ފޮނުވަނީ

Oct 19, 2019

ރީޖަނަލް ހަތަރު އެއާޕޯޓަކަށް ފަޔާ ފައިޓަރުން ތަމްރީން ކުރަން ފޮނުވަން ނިންމައިފި އެވެ.

އެތެރޭގެ އެއާޕޯޓުތައް ބަލަހައްޓާ ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނި ގޮތުގައި އިންޑިޔާ ސަރުކާރުގެ އެހީގައި ނިއުދިއްލީ ފަޔާ ޓްރެއިނިން ސެންޓަރުގައި އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާ އެއާޕޯޓް ބޭސިކް ފަޔަމަނުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވާން 20 ފުރުސަތު ލިބިފައިވާ ކަމަށެވެ.

މި ފުރުސަތު ހުޅުވާލެވިފައިވަނީ ތަރައްގީ ކުރަމުންދާ އެއާޕޯޓުތަކުގެ ފަޔާ އެންޑް ރެސްކިއުގެ ހިދުމަތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ.

ފަޔަމަރުން ތަމްރީން ކުރާ އެއާޕޯޓްތައް

  • ކުޅުދުއްފުށީ އެއާޕޯޓް: ފަސް ފުރުސަތު
  • ފުނަދޫ އެއާޕޯޓު: ފަސް ފުރުސަތު
  • މާވަރުލު އެއާޕޯޓު: ފަސް ފުރުސަތު
  • ހޯރަފުށި އެއާޕޯޓް: ފަސް ފުރުސަތު

ރީޖަނަލް އެއާޕޯޓް ކުންފުނިން ބުނީ މި ތަމްރީންތަކުގައި ބައިވެރި ވެވޭނީ، ސާނަވީ އިމްތިހާނަކުން އިނގިރޭސި އަދި ހިސާބު މި ދެމާއްދާ އިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހި މާއްދާއިން "ސީ" ގްރޭޑް ލިބިފައިވާ، އަދި އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނަށް ކަމަށެވެ.

މި ފުރުސަތު ލިބޭނީ މި މަގާމަށް ބޭނުންވާ މެޑިކަލް ޓެސްޓް އިން ފާސްވެގެނެވެ.

ރާއްޖޭގައި މިހާރު 13 ޑޮމެސްޓިކް އެއާޕޯޓާއި އިންޓަނޭޝަނަލް ދެ އެއާޕޯޓް ހިންގަ އެވެ. ރާއްޖޭގައި ހިންގާ އިންޓަނޭޝަނަލް ދެ އެއާޕޯޓަކީ ވީއައިއޭ އާއި ހަނިމާދޫ އެވެ.