އޮފްބީޓް

ބެގޭޖް ފީ ނުދައްކަން 2.5 ކިލޯ އަންނައުނު ލައިފި

އެކްސެސް ވެގެން ބެގޭޖްފީ ދައްކަން ޖެހުމަކީ އެއާޕޯޓްތަކުގައި މީހުންނަށް ކުރިމަތިވާ އެންމެ ހިތްހަމަނުޖެހޭ ކަންތަކެވެ. އެހެންވެ މި އަންހެންމީހާ އިތުރުވާ ކިލޯއަށް ފައިސާ ނުދައްކަން ހެދީ ވަރަށް މޮޅު އުކުޅެކެވެ. ސޫޓްކޭހުގައި ހުރި ބަރުދަން ލުއި ކުރުމަށްޓަކައި އޭގައި ހުރި އަންނައުނުތައް ފަހަރަކު އެއްޗެއް އެމީހާ ލަމުން ލަމުން ގޮސް ފޮށީގެ ބަރުދަން ލުއި ކުރީ އެވެ.

މިއީ "ފްރެންޑްސް" ސިލްސިލާގައި ޖޯއީ ކުރާ ކަމެކެވެ. މި އަންހެންމީހާ ވެސް އެ ސިލްސިލާ ބަލާފައި އެގޮތަށް ފޮށީގެ ބަރުދަން ލުއިކުރަން ނިންމީ ކަމަށް ބެލެވެ އެވެ.

ފޭސްބުކް ޕޯސްޓެއްގައިވާ މި ޚަބަރު ބުނާ ގޮތުން އެމީހާ އަތުން ގެންދާ ދަބަހުގައި 9.5 ކިލޯ ހުއްޓެވެ. ހަތް ކިލޯ އަށް ވުރެ ގިނައިން އެ ދަބަހުގައި ނުގެންދެވޭނެ ކަމަށް އެއާލައިން ސްޓާފުން އެމީހާ ގާތުގައި ބުންޏެވެ. އަދި ދަބަސް ލުއި ކޮށްގެން އަންނަން އެދުނެވެ.

އެކްސެސް ބެގޭޖްފީ ދައްކަން އެ އަންހެންމީހާ އިންކާރު ކުރި އެވެ. އަދި ދަބަސް ހުޅުވާފައި އޭގައި ހުރި އަންނައުނުތައް ފަހަރަކު އެއްވެސް ލަމުން ލަމުން ގޮސް ދަބަހުގެ ބަރުދަން 6.5 ކިލޯ އަށް ވަންދެން ލިއެވެ.

އަންހެންމީހާ އޭނާގެ ފޭސްބުކް ޕޭޖްގައި ވަނީ މި ހުރިހާ އަންނައުނެއް ލައިގެން ހުއްޓާ ފޮޓޮއެއް ނަގާފައި ޝެއާ ކޮށްފަ އެވެ. "9 ކިލޯ ބެގޭޖުން 6.5 ކިލޯ އަށް" ފޮޓޯގެ ތިރީގައި އަންހެންމީހާ ލިޔެފައި ވެއެވެ.

މި މީހާގެ ޕޯސްޓް ވައިރަލްވެ ކުޑައިރުކޮޅެއް ތެރޭގައި އެތައް ހާސް ލައިކް އަކާއި ކޮމެންޓެއް މި ޕޯސްޓަށް ލިބިފައި ވެއެވެ.

ރޮޑްރިގޫޒް ނަމަކަށް ކިޔާ މި އަންހެންމީހާ '"ވައިސް" ކިޔާ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނީ އެންމެ ދެ ކިލޯގެ އެކްސެސް ބެގޭޖް ފީ ދައްކަން އޭނާ ބޭނުން ނުވީކަމަށެވެ. އަދި އޭނާގެ އެފްބީ ޕޯސްޓް ވައިރަލްގެ މިހާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ހީވިނަމަ މިހާރު ހުރި ވަރަށް ވުރެ މޮޅު ގޮތްގޮތަށް ފޮޓޯ ނަގާފައި ޕޯސްޓް ކުރީސް ކަމަށެވެ.

މި ޕޯސްޓަށް ކޮމެންޓްކުރި ގިނަ މީހުންގެ ނަޒަރުގައި މިއީ އެކްސެސް ފީ ނުދައްކާ ސަލާމަތްވާން އޮތް ވަރަށް މޮޅު ގޮތެކެވެ.