އޮފްބީޓް

ސްކޫލަށް ނުދިޔަ ކުއްޖަކަށް މަންމަ ދިން ފިލާވަޅު

އާއިލާއެއް ބެލެހެއްޓުމަށް ބޭނުންވާ ފައިސާ ހޯދުމަކީ ކިހާ އުނދަގޫ ކަމެއް ކަން އެނގޭނީ ބުރަކޮށް މަސައްކަތް ކޮށްގެން ފައިސާ ހޯދާ މީހުންނަށެވެ. ޚާއްސަކޮށް ބައެއް މީހުންނަށް ފައިސާއަކީ ވަރަށް ބުރަ މަސައްކަތުން ހޯދޭ އެއްޗެކެވެ. ބޮޑެތި މީހުން ތައުލީމުގެ އަގު ވަޒަންކުރަނީ މި ސަބަބާ ހުރެ އެވެ. ޑިގްރީ ފެންވަރަށް ކިޔެވީމަ އާމްދަނީ ލިބޭނެ ފުރުސަތުތައް އިތުރުވާނެކަން ޔަގީންވާތީ އެވެ.

ނަމަވެސް ކުޑަކުދިންނަކަށް ކިޔެވުމުގެ މުހިއްމުކަމެއް އެހާ ބޮޑަކަށް ނުވިސްނެ އެވެ. ކިޔަވަން ނުގޮސް ގޭގައި ފިލްމު ބަލަން، ގޭމް ކުޅެން އަދި ކުޅެލަން ތިބެވޭނެ ނަމައޭ ވަރަށް ގިނަ ކުދިން ހިތަށް އަރާނެ އެވެ.

މިފަދަ ކުއްޖަކަށް އޭނާގެ މަންމަ ވަރަށް ރަނގަޅު ފިލާވަޅެއް ދަސްކޮށްދިނެވެ. މިއީ ތައިލެންޑްގެ ބެންކޮކްގައި ދިރިއުޅޭ ނުޓަނިޓްޗާ ޗޮކްސިރިމެޓީކަލް ނަމަކަށް ކިޔާ އަންހެނަކަ އޭނާގެ ދަރިފުޅާ ދޭތެރޭ ކަންތައް ކުރި ގޮތެވެ.

އޭނާގެ ފަސް އަހަރުގެ ދަރިފުޅު ކިޔަވަން ނުދާން ވެގެން އެއް ދުވަހު ވަރަށް ބޮޑާ ހޭކި އެވެ. ނުޓަނިޓްޗާ އާއި ފިރިމީހާ މަސައްކަތު ދަނީ ދަރިފުޅު ސްކޫލަށް ލާފަ އެވެ. ނަމަވެސް އެ ދުވަހު ގޮވާ ގޮވާ ވެސް ދަރިފުޅު ނުހޭލި އެވެ. އެހެންގެ ދަރިފުޅަށް ރަނގަޅު ފިލާވަޅެއް އެ ދުވަހު ދަސް ކޮށްދޭން އެ ދެމަފިރިން ނިންމި އެވެ. އަދި އެ ދުވަހު މަސައްކަތުން ޗުއްޓީ ހޯދި އެވެ.

ސްކޫލަށް ނުދާނަމަ މަސައްކަތް ކޮށްގެން ފައިސާ ހޯދަން ޖެހޭނެ ކަމަށް ދަރިފުޅު ކައިރީ އެ ދުވަހު އެ މީހުން ބުންޏެވެ. ކިޔަވަން ބޭނުން ނުވާނަމަ ޖެހޭނީ މަސައްކަތް ކުރަން ކަމަށް ވެސް ބުންޏެވެ.

އެމީހުން ފަސް އަހަރުގެ ދަރިފުޅު އަތަށް ޕްލާސްޓިކް ކޮތަޅެއް ދިނެވެ. އަދި މަގުމަތިން ފުޅި އާއި ދަޅު ހޮވައިގެން އެއަށް އަޅަން ބުންޏެވެ. ޖަންކް ޝޮޕަށް ގެންގޮސް އެތަކެތި ވިއްކާލީމާ ފައިސާ ލިބޭނެތީ އެވެ. އެންމެ ފުރަތަމަ ކުޑަކުއްޖާ ވަރަށް އުފަލުން ފުޅި އާއި ދަޅު ހޮވައިގެން ކޮތަޅަށް އަޅަން ފެށި އެވެ. މިތަކެތި ގަންނަ ފިހާރަހުރީ އެމީހުންގެ ގެޔާއި 2.2 ކިލޯ މީޓަރު ދުރުގަ އެވެ. ކުޑަ ކުއްޖާ ފުޅި އާއި ދަޅު ހޮވަމުން ފިހާރައާ ދިމާއަށް ހިނގަމުން ދިޔަ އެވެ. ނަމަވެސް އިރުކޮޅަކުން އޭނާ ވަރުބަލި ވާން ފަށައިފި އެވެ.

ނުހުއްޓި ކުރިޔަށް ދިއުމަށާއި މިއީ އޭނާގެ ވަޒީފާކަމަށް ކައިރިގައި ތިބި މައިންބަފައިން ކުއްޖާއަށް ހަނދާން ކޮށްދިނެވެ. އެންމެ ފަހުން އެމީހުންނަށް ޖަންކް ޝޮޕް އާހަމަޔަށް ދެވިއްޖެ އެވެ. ކުއްޖާ އަށް އެއްކުރެވިފައި ހުރި ފުޅިއާއި ދަޅުގައި ހުރީ ދެ ކިލޯ އެވެ. އެއަށް ލިބުނީ ދެ ބާތެވެ. އެއީ ގާތްގަނޑަކަށް 0.06 ޑޮލަރެވެ.

ވަރުބަލިވެފައި ހުރި ވަރުން ގެޔަށް ބަހުގައި ދާން ކުޑަ ކުއްޖާ އޭނަގެ މައިންބަފައިން ކައިރީ އެދުނެވެ. ނަމަވެސް ބަހުގެ ޓީކެޓެއް ލިބެނީ 10 ބާތަށް ކަމަށް އެ ކުއްޖާ ކައިރީ އޭނާގެ މަންމަ އާއި ބައްޕަ ބުންޏެވެ. އެހެންވެ ބަހުގައި ދަންޏާ އިތުރަށް ޕްލާސްޓިކް ފުޅި އާއި ދަޅު ހޯދައިގެން އެ ވަރަށް ފައިސާ އެއްކުރަން ބުންޏެވެ.

ކުއްޖާގެ ގައިގައި އިތުރަށް އެ މަސައްކަތްކުރާނެ ހިތްވަރު ނެތުމުން ހިނގާފައި ގެޔަށް ދާން އެއްބަސްވި އެވެ. ގެޔަށް ދިޔަ މަގުމަތީގައި ކުއްޖާ ވަރަށް އައިސްކްރީމް ކާ ހިތްވެގެން އެ ވާހަކަ ބުންޏެވެ. ނަމަވެސް އައިސްކްރީމް އެއް ލިބެނީ ފަސް ބާތު އަށް ކަމަށް ވާތީ އެ ވެސް ނުލިބުނެވެ.

ކުއްޖަކަށް ފިލާވަޅެއް ދަސްކޮށްދޭން މިއީ ތަންކޮޅެއް ހަރުކަށި ގޮތެއް ކަމަށް ބަޔަކު ގަބޫލު ކުރިޔަސް މި ކުއްޖާގެ މަންމަގެ ނަޒަރުގައި މިއީ ވަރަށް ރަނގަޅަށް ކުރެވުނު ކަމެކެވެ.

"ސްކޫލަށް ދާނަންތަ ދެން ނޫނީ މަސައްކަތް ކުރާނީތަ،" ކުއްޖާ ކައިރީ އޭނާގެ މަންމަ އެހި އެވެ.

"ސްކޫލަށް ދާނީ،" ކުއްޖާ ވަރަށް ބާރަށް ޖަވާބު ދިނެވެ.

ކުއްޖާގެ މަންމަ ބުނި ގޮތުގައި އެ ދުވަހަކީ ސްކޫލަށް ނުދާންވެގެން ކުއްޖާ ބޮޑާ ހޭކި އެންމެ ފަހު ދުވަހެވެ. އޭގެ ފަހުން ބަރާބަރަށް އޭނާ ސްކޫލަށް ދެއެވެ.

މި ޚަބަރު ކިޔާފައި އުމުރުން ދުވަސްވީ ގިނަ މީހުން ކުއްޖާގެ މައިންބަފައިންނަށް ތައުރީފުކުރި އެވެ. އަދި މިއީ ކުއްޖާގެ މުޅި ހަޔާތަށް ވެސް އަސަރުފޯރާނެ ތަޖުރިބާއެއް ކަމަށާއި ތައުލީމުގެ އަގު އޭނާއަށް ވަޒަން ކުރެވޭނެ ކަމަށް ވެސް ގިނަ ބަޔަކު އެއްބަސްވި އެވެ.