ވިޔަފާރި

ބީއެމްއެލްއިން އިޖުތިމާއީ ޒިންމާގެ 100 ޕްރޮޖެކްޓް ހިންގައިފި

Oct 21, 2019

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރުގެ މިހާތަނަށް އިޖުތިމާއީ ޒިންމާގެ 100 މަޝްރޫއެއް ހިންގިފައިވާ ކަމަށް ބުނެފި އެވެ.

ހޮޓެލް ޖެންގައި މީޑިއާތަކާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމޮތީ ސޯޔާ ވިދާޅުވި ގޮތުގައި ބޭންކުގެ އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރައި ރައްޔިތުންނާ ހަމައަށް ގެނެސްދިނުން ކަމަށާ، މިގޮތުން މި އަހަރުތެރޭ 100 އަށްވުރެ ގިނަ ސީއެސްއާރު ޕްރޮޖެކްޓަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭންކް އޮފް މޯލްޑިވްސް ގެ މާލީ ހާލަތު އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށާއި މިހާރު އެންމެ އިސްކަމެއްދެނީ މުޅި ރާއްޖެއަށް ބޭންކިންގެ ޚިދުމަތް ފޯރުކޮށްދިނުމާއި ކަސްޓަމާ ސާވިސް ރަނގަޅުކޮށް ވިޔަފާރިތަކަށްދޭ އެހީތެރިކަން އިތުރުކުރުމަށް،" ސޯޔާ ވިދާޅުވި އެވެ.

ސީއީއޯ ޓިމް އިތުރަށް ވިދާޅުވި ގޮތުގައި ވިޔަފާރީގެ މުހިއްމު ގިނަ ދާއިރާތަކުން ބޭންކުގެ އަމާޒުހުރީ ރަނގަޅު މިސްރާބުގައި ކަމަށެވެ. އެގޮތުން އާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޭންކުގެ ހިދުމަތްތައް ޒަމާނީ ކުރުމާއި ކަސްޓަމާ ސަވިސަސް ރަނގަޅުކުރުމަށް މުހިއްމު ފިޔަވަޅު ތަކެއް އަޅަމުންދާ ކަމަށެވެ.

ބީއެމްއެލްއިން ވަނީ މި އަހަރު ސީއެސްއާރު މަޝްރޫއުތަކަށް އެތަށް މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިގޮތުން އެ ކުންފުނިން ކޮންމެ ކުއާޓަރެއްގައި ވެސް ސީއެސްއާރުގެ 15 މަޝްރޫއެއް ކުރިއަށް ގެންދިޔައެވެ. މި މަސައްކަތްތަކުގެ ދަށުން ރަށްރަށުގައި އާއްމު ރައްޔިތުންނަށް ނުކުރެވި ހުރި ގިނަ މުހިންމު މަސައްކަތްތަކެއް ކުރުމަށް ބޭންކުން ވަނީ އެހީވެދީފަ އެވެ.