ހަބަރު

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 400 ކުދިންނާއެކު 23 ގައި

Oct 21, 2019
1

ހަތަރު ސަތޭކަ ކުދިންނާއެކު ދިރާގު ސްޕެޝަލް ސްޕޯޓް ފެސްޓިވަލް މި މަހު 23 ވަނަ ދުވަހު ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއެސްއާރު މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ މި ފެސްޓިވަލްއަކީ 2011 ވަނަ އަހަރުން ފެށިގެން ބާއްވާ ފެސްޓިވަލްއެއް ކަމަށާ، މި އަހަރުގެ ފެސްޓިވަލްއަށް ތައްޔާރު ވަމުންދާ ކަމަށެވެ.

"މިއީ ދިރާގުން އިންތިޒާމުކޮށްގެން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށް ބާއްވާ ފެސްޓިވަލްއެއް. މި ހަރަކާތް ރާވަން ޖަމިއްޔާތަކުން އެހީތެރިކަން ފޯރުކޮށްދޭ. މި އަހަރު ހަތަރު އެންޖީއޯ އަކާއި 14 ސްކޫލަކުން ބައިވެރިވި،" ބިޝާރާ ވިދާޅުވި އެވެ.

ބިޝާރާ ވިދާޅުވީ ސްޕޯޓްސް ފެސްޓިވަލްގައި ފުރަތަމަ ބައިވެރިވީ 17 ސްކޫލުން ކަމަށާ، ނަމަވެސް މިހާރު ބައިވެރިވާ ކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

"ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރވާ ކުދިން، ސްޕެޝަލް އޮލިމްޕިކްސްގައި ވެސް ބައިވެރިވެ، ފަހުރުވެރި ވަނަތައް ދަނީ ހޯދަމުން. މިއީ ލިބެމުންދާ ވަރަށް ބޮޑު އުފަލެއް. މިހާރު އެންމެ އިސްކަން ދެނީ ސްޕެޝަލް އޮލިމްޕިކްގައި ވާދަކުރާ ކުޅިވަރުތައް ސްޕެޝަލް އޮލިމްޕިކްސްގައި ބައިވެރި ކުރަން،" ބިޝާރާ ވިދާޅުވި އެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ އަދި އެކުދިންނަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރު ފެސްޓިވަލް އެވެ. މިއަދު ބޭއްވި ޕްރީ އިވެންޓަކީ މި ފެސްޓިވަލްގެ ވާދަވެރި ދުވުމުގެ ހަރަކާތެވެ. މިއަހަރުގެ ޕްރީ އިވެންޓުގައި 6 ކެޓަގަރީ އަކުން ދަރިވަރުން ވާދަ ކުރި އެވެ.

ވާދަކުރާ ކެޓަގަރީތައް:

  • 5 އަހަރާއި 6 އަހަރުގެ 50 މީޓަރު ގެ ކެޓަގަރީ
  • 7 އަހަރާއި 9 އަހަރުގެ 80 މީޓަރުގެ ކެޓަގަރީ
  • 9 އަހަރާއި 12 އަހަރުގެ 100 މީޓަރުގެ ކެޓަގަރީ
  • 12 އަހަރާއި 15 އަހަރުގެ 200 މީޓަރުގެ ކެޓަގަރީ
  • 15 އަހަރުން މަތީގެ 300 މީޓަރުގެ ކެޓަގަރީ
  • 200 މީޓަރުގެ ވީލްޗެއަރ ކެޓަގަރީ

މި އިވެންޓުގައި ވަނަ ވަނައަށް ދާ ކުދިންގެ މެޑަލް ހަވާލު ކުރުން އޮންނާނީ ދިރާގު ސެޕެޝަލް ސްޕޯރޓްސް ފެސްޓިވަލް ގެ މެއިން އިވެންޓުގައިއެވެ. މި އިވެންޓުގައި މެޑަލް ހަވާލު ކުރުމުގެ އިތުރުން ތަފާތު ފޯރިގަދަ ކުޅިވަރުތައް ކުރިއަށްދާނެ އެވެ.

މި ވާދަވެރި ސްޕޯޓްސްގެ ސަބަބުން ކުދިންގެ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރާއި، އަދި އެހެން ކުދިންނެކޭ އެއްގޮތަށް ނުކުޅެދޭ ކުދިންނަށްވެސް މިފަދަ ސްޕޯޓްސްތަކުގައި ބައިވެރިވޭކަން ކުދިންނަށްވެސް އެގިގެންދާނެ އެވެ. މި ފެސްޓިވަލްގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު އެކަހެރި ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ފުރުސަތުތަކެއް ހޯދައިދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމިއްލަ ނަޕްސަށް އިތުބާރުކުރުމާއި ކުޅިވަރުގެ ރޫހު އެކުދިންގެ ކިބައިގައި އަށަގެންނެވުމަކީ ވެސް މި ފެސްޓިވަލްގެ މަގުސަދެވެ.