ހަބަރު

ގެއެއްގެ ބަދިގޭގައި ރޯވެ، އިމާރާތުން މީހުން ނެރެފި

Oct 22, 2019

ރޭ ދަންވަރު މާލޭގެ ގެއެއްގެ ބަދިގޭގައި އަލިފާން ރޯވެ ގެއްލުންތައް ލިބިއްޖެ އެވެ. ނަމަވެސް މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 1:10 ހާއިރު، ގ. މެސްކޮޓްގެ އަށްވަނަ ފަންގިފިލާއިން ދުން އަރާކަމުގެ މައުލޫމާތު ލިބުމުން، ގޮސް އެ ބައިގެ ދޮރު ވައްޓާލައިގެން ވަދެ ބަދިގޭގައި ރޯވެފައިހުރި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ. ދޮރު ވައްޓާލީ ދޮރު ނުހުޅުވައިގެނެވެ.

އެ ހާދިސާގައި އަލިފާން ނިއްވާލެވުނު ނަމަވެސް މުޅި އިމާރާތުގެ ތެރެއަށް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައިވާތީ އެ އިމާރާތުގެ ހުރިހާ ފަންގިފިލާތަކުގައި ދިރިއުޅޭ މީހުން ނެރެން ޖެހުނެވެ. ފަހުން މީހުން ވަނީ ވަދެފަ އެވެ.

ރޭގެ އެ ހާދިސާ ހިނގާފައިވަނީ ބަދިގޭގައި އުދާފައިހުރި ތެއްޔެއްގައި ރޯވެގެނެވެ.

ދާދި ފަހުުން މާލޭގައި ވަނީ އަލިފާނުގެ ނުރައްކާތެރި ބޮޑު ދެ ހާދިސާއެއް ހިނގާފަ އެވެ. އޭގެ އެއް ހާދިސާއެއްގައި އެކަކު މަރުވި އިރު 700 އެއްހާ މީހުން ހާލުގައި ޖެހުނެވެ. ދެވަނަ ހާދިސާގައި ބަޔަކު ފިހި، ބޮޑެތި މާލ،ީ ގެއްލުން ލިބުނެވެ.