އޮފްބީޓް

އަންހެނެއްގެ ބަނޑުން 18 ކިލޯގެ ޓިއުމަރެއް ނަގައިފި

އިންޑިއާގެ ދިއްލީގެ ޝަލީމާރް ބާގުގައި ދިރިއުޅޭ އަރްޗަނާ އަހޫޖާ މީގެ މަސް ތަކެއް ކުރިން އުޅުނީ ހަމަ ވަރަށް އާދައިގެ ދިރިއުޅުމެކެވެ. އޭނާ ކާތްހިތް ނުވާން ފެށީ ހަމަ ކުއްލިއަކަށެވެ. އެއާއެކު ބަނޑު އާދަޔާޚިލާފަށް ފުފެން ފެށި އެވެ. ބަނޑު ފުފެމުން ފުފެމުން ގޮސް އޭނާއަށް ނޭވާލާން އުނދަގޫވެ މީހާގެ ހަކަތަ ހުސްވާ މިންވަރަށް ބޮޑު ފުފުނެވެ.

ހޮސްޕިޓަލަށް ގޮސް ވަރަށް ގިނަ ޓެސްޓްތައް ހަދައިގެން އެންމެ ފަހުން އޭނާއަށް އެނގުނީ އޭނާގެ އޯވަރީއަށް ކެންސަރު ޖެހިފައިވާ ކަމެވެ. އަދި އޯވަރީގައި އިން ޓިއުމަރުގެ ބަރުދަނުގެ ސަބަބުން އޭނާގެ ބަރުދަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމެވެ.

އެއިމްސް ހޮސްޕިޓަލްގެ ކެންސަރާ ބެހޭ ޑޮކްޓަރެއް ކަމަށްވާ ޑރ. އެމްޑީރޭ އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ވިދާޅުވެފައިވާ ގޮތުގައި އަރްޗަނާގެ އޯވަރީ ތެރޭގައި ޓިއުމަރު ބޮޑުވަމުން ދާ ކަމަށާއި އެއީ އެތެރޭގައި ފެން ހުންނަ ވައްތަރުގެ ޓިއުމަރެއް ކަމަށެވެ. ޓިއުމަރު ތެރޭގައި ފެން ގިނަވުމުން ބަނޑުގެ ބަރުދަން ވަރަށް ބޮޑަށް އިތުރުވީ ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ ސާޖަރީ ހަދައިގެން އަރްޗަނާގެ ބަނޑުން 17.8 ކިލޯ ބަރުދަން ހުރި ޓީއުމަރެއް ނަގާފައިވާ ކަމަށެވެ.
އޮޕަރޭޝަނަށް ވެއްދިއިރު އަންހެންމީހާގެ ބަރުދަނުގައި ހުރީ 58 ކިލޯ ކަމަށާއި ހަ ގަޑިއިރަށް ދެމިގެން ދިޔަ މި އޮޕަރޭޝަން ނިންމާލާފައި ތިއޭޓަރުން ނެރެފައި ކިރާލިއިރު ބަރުދަން 40 ކިލޯ އަށް ދަށްވެފައިވާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

އޯވޭރިއަން ކެންސަރަކީ އަންހެނުންގެ އެއް އޯވަރީއަށް ނުވަތަ ދެ އޯވަރީއަށް ޖެހޭ ވައްތަރެކެވެ. އާއްމުކޮށް މި ކެންސަރު ޖެހެނީ އުމުރުން ދުވަސްވުމުންނެވެ. އޯވޭރިއަން ކެންސަރަކީ ސީރިއަސް ބައްޔެކެވެ. ބަލީގެ ކުރީކޮޅު ދެނެގަނެވި ފަރުވާ ދޭން ނުފެށިއްޖެނަމަ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ.

މި ކެންސަރު ފެށިގެން އަންނަނީ އޯވަރީގެ ބޭރު ކަވަރުކުރާ ސެލްތަކުންނެވެ. އޯވަރީއަށް ޖެހޭ ކެންސަރަކީ ބަލީގެ ކުރީކޮޅު ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ކެންސަރެއް ނޫނެވެ. އޯވޭރިއަން ކެންސަރުގެ ބައްއް ނިޝާންތަކުގެ ތެރޭގައި ބަނޑުގައި ވައި ހެދި ފުއްޕުން، ވަރަށް އަވަހަށް ބަނޑު ފުރިއްޖެކަމުގެ އިހްސާސް ކުރެވުން، ދަށްބަނޑުގައި ރިއްސުން، ގިނަގިނައިން ކުޑަކަމުދާން ޖެހުން ނުވަތަ އަބަދުވެސް ކުޑަކަމުދާން ވެފައި ހުންނަ ކަހަލަ އިހްސާސްތައް ކުރެވުން ހިމެނެ އެވެ.