ހަބަރު

ގައިދީންނަށް ހިންގާ ގާރީ ކޯހެއް ނިހާން ސްޕޮންސަކުރައްވައިފި

Aug 13, 2015

ގައިދީންނަށް ހިންގާ ގާރީކޯސްތައް ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ސްޕޮންސަ ކޮށްދެއްވައިފި އެވެ.

މިދިޔަ މޭ މަހުގެ ތެރޭގައި ގާރީ ކޯހުގެ ފުރަތަމަ ބުރު ނިންމި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ނިހާން ވަނީ އެ ކޯސްތައް ހިންގަން އެހީތެރިވެ ދެއްވުމަށް ވައުދުވެ ވަޑައިގެންފަ އެވެ. މިއަދު މަޖިލީހުގައި އިދާރާގައި ކަރެކްޝަނަލް ސާވިސަސްގެ ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އެ ކޯސްތައް ހިންގުމަށް ބޭނުންވާ، 45،000ރ. ގެ ޗެކް ނިހާން ވަނީ ކަރެކްޝަންސާ ހަވާލުކޮށްދެއްވައިފަ އެވެ.

އެ އެހީއާ ހަވާލުވެވަޑައިގެންނެވީ ކޮމިޝަނަރު އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް އެވެ. މި ބައްދަލުކުރެއްވުމުގައި މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގް އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންސް ހަސަން ޒިލާލް ގެ އިތުރުން އައްސޭރި ޖަލުގެ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު ހުސައިން ބައިވެރިވެވަޑައިގެންނެވިއެވެ.