ރަންބީރު ކަޕޫރާއި އާލިއާ ބަޓް ކައިވެނި ކުރަން އުޅޭ ކަމުގެ ތަފާތު އަޑުތައް މިފަހަކަށް އައިސް ވަރަށް ގިނައިން އިވެ އެވެ. މި ޚަބަރުތައް އިތުރަށް ހޫނުވީ އެ ދެ ތަރިންގެ ކައިވެނީގެ ދައުވަތު ކާޑު ކަމަށް ބުނެ ދެ އެކްޓަރުންގެ ފޭން ކްލަބްތަކުން ސޯޝަލް މީޑިއާގައި ދައުރުކުރި ކާޑެއްގެ ސަބަބުންނެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި ކާޑު ވައިރަލް ވީނަމަވެސް މިއީ އަސްލު އެއްޗެއް ނޫންކަން ގިނަ ބަޔަކަށް ވަރަށް އަވަހަށް ފާހަގަ ކުރެވުނެވެ.
ކާޑު އަސްލު ނޫންކަން ފާހަގަ ކުރެވުނީ އޭގައި ވަރަށް ގިނަ އިމްލާ ކުށް ހުރުމުންނެވެ. އާލިއާގެ ނަން ނުބައިކޮށް ޖަހާފައިވާއިރު އާލިއާގެ ބައްޕަގެ ނަމަކަށް ވެސް ޖަހާފައި އިނީ މަހޭޝް ބަޓްގެ ބަދަލުގައި މުކޭޝް ބަޓެވެ. އަދި ކައިވެނި އޮންނަ ތާރީޚު ލިޔުމުގައި ވެސް ކުށް ލިޔެފައި ވެއެވެ.
ލަންޑަންގައި ހުރެފައި ހޯމަ ދުވަހުގެ ރޭ އިންޑީޔާ އަށް އައިސް މުމްބައި އެއާޕޯޓުން އާލިއާ ނުކުތުމާއެކު ނޫސްވެރިންތައް އޭނާއަށް ފޭކް ވެޑިން ކާޑުގެ ވާހަކައިން ސުވާލު ކުރި އެވެ.
"ޚަބަރެއް ލިބިއްޖެ. އެއީ ތެދެއްތަ މެޑަމް. ޖެނުއަރީ 2020 ގައި ކައިވެނި ކުރާނެ ކަން ޔަގީންތަ،" އެއާޕޯޓުގައި ހުރި ފޮޓޮގްރާފަރަކު އާލިއާ އާ ސުވާލު ކުރި އެވެ.
މި ސުވާލާއެކު އާލިއާ އަޑުގެ ނެތްތަނަށް ހީނގަނެފައި ނުކުންނަން ދަމުން ބުނިކަމަށް ވަނީ އެ ސުވާލަށް އޭނާ ބުނާނެ އެއްޗެއް ނެތް ކަމަށެވެ.
އާލިއާގެ ގާތް މީހަކު އިންޑިއާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި މި ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ޚަބަރެކެވެ.
އާލިއާ އާއި ރަންބީރު މިހާރު ދަނީ މި ދެ ތަރިން އެކުގައި ކުޅެފައިވާ "ބްރަހްމަޝްތުރަ" ގެ މަސައްކަތް ކުރަމުންނެވެ. މި ފލްމުގައި ރަންބީރު ކުޅެނީ ޝިވާ ނަމަކަށް ކިޔާ ޒުވާނެއްގެ ރޯލެވެ. އާލިއާގެ ކެރެކްޓާގެ ނަމަކީ އީޝާ އެވެ. އަމީތާބް ބައްޗަން އާއި ޑިމްޕަލް ކަޕާޑިއާ، ނަގަރުޖުނާ އަދި މޯނީ ރޯއީ ވެސް މި ފިލްމުގައި ބައިވެރި ވެއެވެ.
ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ މި ފިލްމުގެ ޝޫޓީން ބަލްގޭރިޔާ އާއި އިންޑިއާގެ ވަރަނާސީގައި ކުރިއަށް ގެންގޮސްފައިވާއިރު ފިލްމުގެ ނުނިމި އޮތް ބައިގެ ޝޫޓިން ނިންމަން އާލިއާ އާއި ރަންބީރު ވަރަށް އަވަހަށް މަނާލީ އަށް ދާނެ އެވެ.
އަޔާން މުކަރުޖީ ޑައިރެކްޓްކުރާ "ބްރަހްމަޝްތުރަ" އަކީ ތިން ބަޔަކަށް ބަހާލައިގެން އުފައްދާ ފިލްމެއްގެ ފުރަތަމަ ބައެވެ. އަންނަ އަހަރުގެ ހޫނު މޫސުމުގައި ރިލީޒްކުރަންހަމަޖެހިފައިވާ މި ފިލްމުގެ އިތުރު ދެ ބައި ނުވަތަ އިތުރު ދެ ފިލްމެއް އުފައްދަން ހަމަޖެހިފައިވާ ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.