ހަބަރު

އެއް ބިލިޔަނަށް ރުފިޔާގެ ފެނާއި ނަރުދަމާ ޕްރޮޖެކްޓް ކުރިޔަށް އެބަދޭ: އެމްޑަބްލިޔުއެސްސީ

Aug 13, 2015
1

ފެނާއި ނަރުދަމާގެ އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ގިނަ ޕްރޮޖެކްޓުތައް މުޅި ރާއްޖޭގައި އެމްޑަބްލިޔޫއެސްސީން  ހިންގަމުން އަންނަ ކަމަށާއި އެ މަސައްކަތްތަކުގައި ގޮންޖެހުންތައް އެބަހުރި ކަމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ފެނާއި ނަރުދަމާއި ޑިޒައިނިންނާއި ޓެންޑަރިން އާއި އަދި އޮޕްރޭޝަން މެނޭޖްމަންޓް އެންޑް މެއިންޓަނެންސް އާ ގުޅޭ ގޮތުން މިއަދު ބޭއްވި ވޯކްޝޮޕްގައި ބައިވެރިވެ ވަޑައިގެން ފަޒުލް ވިދާޅުވީ މިއަދު ބޭއްވި ވޯކްޝޮޕްގެ ސަބަބުން ބޯފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް ސަރުކާރުން ހޭދަކުރާ ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދޭނެ ކަމަށެވެ.

ވޯކްޝޮޕްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ އެކި ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް އެކި ސްޓޭޖްގައި ކުރެވެމުންދާއިރު ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތަކަކީ ކޮބައިތޯ ބަލައި އެކަންކަމަށް ޙައްލެއް ހޯދުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫއަކީ ޕްރޮޖެކްޓް އެކުލަވާލުމާއި ފެށިގެންގޮސް ޑިޒައިން ކުރުމާއި، އަދި އަމަލީ މަސައްކަތް ކުރުމުގައި ގިނަ ދުވަސްތަކެއް ހޭދަވާ ބުރަ މަސައްކަތެއް. މިގޮތުން މި އަސާސީ ޚިދުމަތް ވީ އެންމެ އަވަހަކަށް އޭގެ އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެއް އަމާޒު." މިނިސްޓަރު ވިދާޅުވި. "މި މަސައްކަތްތައް ފުރިހަ ކުރުމުގައި ފެނާއި ނަރުދަމާގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ އިދާރާތަކާއި ކުންފުނިތަކެއް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް ދަންނަވަން."