ހަބަރު

އެއްވެސް އުސޫލެއް ނެތި ޓެކްސްތައް ބޮޑެއް ނުކުރާނަން: ނައިބު ރައީސް

Aug 13, 2015

މި ސަރުކާރުން އެއްވެސް އުސޫލެއްނެތި ޓެކްސްތައް ބޮޑު ނުކުރާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް އަހުމަދު އަދީބު މިރޭ ދެއްވައިފި އެވެ.

މީރާގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އަދީބު ވިދާޅުވީ މި ސަރުކާރަކީ އިރުއަރައި އޮއްސޭ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރަމުން ދާނެ ބައެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރާނީ އުސޫލުތަކެއްގެ ތެރެއިން ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ. ނައިބު ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރަކީ ވިޔަފާރިވެރިންނާ ވެސް ގުޅުގެން މަސައްކަތް ކުރާނެ ބައެކެވެ.

"އިރު އަރައި ގޮތަށް އަނެއް ދުވަހު ސްޕާ ބަންދުކޮށް އަނެއް ކަމެއް ކޮށް މި ކަންކަން ކުރާނެ ބައެއް ނޫން އަޅުގަނޑުމެންނަކީ. އަޅުގަނޑު ޔަގީންކަން ދެން މި ސަރުކާރުން ޓެކްސްތައް ވެސް އުސޫލެއް ނެތި ހަމަ ކުއްލިއަކަށް ބޮޑު ކުރުން ފަދަ ކަންކަން ނުކުރާނަމޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ގަބޫލު ކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ހަރަދު ކުރަން ޖެހޭނީ، އުމްރާނީ ތަރައްގީގެ ކަންކަމަށް ކަމަށެވެ. އަދި މި ސަރުކާރުން ބަލާނީ އެ ފައިސާ ރިކަރަންޓް ހަރަދުގެ ގޮތުގައި ދުއްވާނުލައި، އުމްރާނީ އެކި މަޝްރޫއުތައް ހިންގައި ރައްޔިތުންނަށް ފައިދާތަކެއް ފޯރުކޮށް ދިނުމަށް ކަމަށެވެ.

"ޓެކްސް ނެގުން އެކަންޏެއް ނޫން މުހިންމީ. އެ ފައިސާ އުމްރާނީ ތަރައްގީތަކަށް ހަރަދު ކުރުން އެއީ މުހިންމު ކަމަކީ،" ނައިބު ރައީސް ވިދާޅުވި އެވެ.

ޓެކްސް ދައްކަނީ ވިޔަފާރިވެރިކަން ފާހަގަ ކުރައްވަމުން އަދީބު ވިދާޅުވީ ޓެކްސް ދައްކާނެ ގިނަ އަމިއްލަ ވިޔަފާރިވެރިންތަކެއް އުފެއްދުމަކީ ރައީސް ޔާމީންގެ ސިޔާސަތު ކަމަށެވެ. އަދި އިގްތިސާދީ މަސައްކަތްތައް އިތުރުކޮށްގެން ނޫނީ އެކަން ނުކުރެވޭނެ ކަމަށް އަދީބު ވިދާޅުވި އެވެ. މިހާރު މިފެންނަނީ އެފަދަ ވިޔަފާރިވެރިން އުފައްދަން ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅުތަކުގެ ނަތީޖާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑަށް ލިބޭ ފަހުރެއް އިގްތިސާދީ ގޮތުން ހިންގުންތެރި އެ ސިޔާސަތުތައް ތަންފީޒު ކުރާ ބޭފުޅެއްގެ ދަށުން މަސައްކަތް ކުރަން ލިބުމަކީ. އެބަ ފެނޭ އެމަނިކުފާނުގެ ސިޔާސަތުތައް ތަންފީޒު ވަމުން އަންނަތަން،" ނައިބު ރައީސް ވިދާޅުވި އެވެ.