އޮފްބީޓް

ސަލާންޖަހާ މީހަކު މަރުވިއިރު އެކައުންޓްގައި 10 ލައްކަ ރުޕީސް

އިންޑިޔާގެ މުމްބާއީގެ ވާށީ ޓްރެއިން ސްޓޭޝަނުގައި ސަލާންޖަހަން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އިން ބީޑީޗަންދް ޕަނަމަރަމް އާޒާދު 82، މަރުވުމުން އޭނާގެ ގެއަށް ފުލުހުން ވަދެ ފާސްކުރިއިރު އެ ގެއިން 7.7 ލައްކަ ރުޕީސް އާއި 1.5 ލައްކަ ރުޕީސްގެ ވަކި ރުފިޔާ ފެނިފައިވާ ކަމަށް އިންޑިއާގެ ފުލުހުން ބުނެފި އެވެ.

ބީޑީޗަންދު މަރުވެފައިވަނީ މިދިޔަ ހުކުރު ދުވަހު ރޭލެއްގެ ދަށު ވެގެންނެވެ. އޭނާ ރޭލު ދަށުވީ ރޭލު ދަގަނޑު ހުރަސްކޮށް އަނެއް ފަރާތަށް ދާން އުޅެނިކޮށެވެ.

އާއިލާގެ މީހުންނާ ނުލާ އެކަނި ދިރިއުޅެމުންދިޔަ ބީޑީޗަންދުގެ ޖިފުޓީ ހުންނަނީ ގޮވާންދީ ކިޔާ ހިސާބެއްގަ އެވެ. މިއީ ވަރަށް ފަގީރު މީހުން ދިރިއުޅޭ ހިސާބެކެވެ. މި ޖިފުޓިން ފުލުހުން ވަނީ 7.7 ލައްކަ ރުޕީސްގެ ފިކްސްޑް ޑިޕޮސިޓް އިންވެސްޓްމަންޓާއި ގޯންޏެއް ފުރެންދެން ހުރި ވަކި ލާރި ހޯދާފަ އެވެ. މި ވަކި ލާރިތައް ގުނުމަށް ވެސް ފުލުހުންނަށް ވަރަށް ގިނަ ވަގުތު ނެގި އެވެ. ގޯނީގައި ހުރި ވަކި ލާރީގެ އަދަދު 1.5 ލައްކަ ރުޕީސްއަށް އަރަ އެވެ.

ފަހުން ފުލުހުން ވަނީ ބީޑީޗަންދުގެ އާއިލާގެ މީހުން ހޯދާފަ އެވެ. އަދި އެމީހުންނާ ފައިސާތައް ހަވާލު ކުރަން ތައްޔާރުވަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ސަލާންޖަހާ މީހާގެ މުއްސަނދިކަމުގެ ޚަބަރަކީ ސޯޝަލް މީޑިއާގައި ގިނަ ބަޔަކަށް ވަރަށް ޝައުގުވެރިވީ ޚަބަރަކަށް ވިއެވެ. މި ޚަބަރު ވައިރަލްވުމުން ގިނަ ބަޔަކު ވަނީ މިއަށް ތަފާތު މަޖާ ކޮމެންޓްތައް ކޮށްފަ އެވެ.

"ސަލާންޖަހާ މީހާގެ އަތުގައި އައިޓީ އިންޖިނޭރެއްގެ އަތުގައި ހުންނަ ވަރަށް ވުރެ ވެސް މާ ގިނަ ފައިސާ އެބަހުރި،" އެކަކު ކުރި ކޮމެންޓެއްގައި ވެއެވެ.

މުހައްމަދު ތަންވީ ނަމަކަށް ކިޔާ މީހަކު ބުނީ ސަލާންޖަހާ މީހުންނަށް އޭނާ ފައިސާ ނުދެނީ އެ ސަބަބާ ހެދި އެވެ. ސަލާން ޖެހުމަކީ މާފިއާ ގްރޫޕްތައް ގުޅިގެން ހިންގާ ބޮޑު ވިޔަފާރިއެއް ކަމަށާއި މިއީ ބޮޑު ޖަރީމާ އެއްކަމަށް އޭނާ ސިފަ ކުރި އެވެ.