ހަބަރު

ވިޔަފާރިވެރިންނަށް އެއްޗިހި ކިޔުމުގެ ހައްގެއް ނެތް: ނައިބު ރައީސް

Aug 13, 2015

އެކި ފަރާތްތަކުން ވިޔަފާރިވެރިންނަށް އެއްޗިހި ކިޔަމުން އަންނަ ކަމަށާއި އެކަން ނުކުރުމަށް ނައިބު ރައީސް އަހުމަދު އަދީބު މިރޭ ގޮވާލައްވައިފި އެވެ.

މީރާގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އަދީބު ވިދާޅުވީ ރާއްޖެއަށް އައިސްފައިވާ ކުރިއެރުމަކީ ވިޔަފާރިވެރިންތަކެއްގެ ބޮޑު ގުރުބާނީ ކަމަށެވެ. އަދި އެފަދަ ވިޔަފާރިވެރިން ގައުމަށް ޓަކައި ނެންގެވީ ބޮޑު ރިސްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ބައެއް ސިޔާސީ ފަރާތްތަކުން ސޯޝަލް މީޑިއާ ފަދަ ތަންތަނުގައި ވިޔަފާރިވެރިންގެ އަގު ވައްޓާލުމަށް ހަގީގަތާ ހިލާފު ވާހަކަތައް ދައްކައި އެއްޗިހި ގޮވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަން ހުއްޓާލައި ވިޔަފާރިވެރިންނަށް އިހުތިރާމް ކުރާނެ މުޖުތަމައެއް އުފެއްދުމަށް އެމަނިކުފާނު އެދިވަޑައގެންނެވި އެވެ.

"ޔުނިވާސަލް ވިޔަސް، ސަން ޝިޔާމް ވިޔަސް، ކާސާ ހޯލްޑިންގް ވިޔަސް ވިލާ ވިޔަސް އެބޭފުޅުންގެ ވަރަށް ބޮޑު މަސައްކަތުން އެހާ ދަތިކޮށް ރިސްކް ނަގައިގެން ވިޔަފާރި ކުރުމުގެ ނަތީޖާ އަޅުގަނޑުމެން އެންމެންނަށް ޓްވީޓް ކުރަން ފޯނު ހިފައިގެން ވެސް މި ތިބެވެނީ. އެކަމަކު ހަގީގަތް އޮޅުވާލުމަށް އެ މީހުންނާ ދިމާލަށް ފާޑު ފާޑު އެއްޗިހި ކިޔާ ހަދަނީ. އަޅުގަނޑު ދަންނަވާނީ އެގޮތަށް އެއްޗިހި އެބޭފުޅުންނަށް އިހުތިރާމް ކުރައްވާށޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިގްތިސާދީ ހުރިހާ ވެސް ހަކަތަކައަކީ އަމިއްލަ ވިޔަފާރިވެރިން ކަމަށެވެ. އަދި ވިޔަފާރިވެރިންނަށް ހިތްވަރު ނުދީ އެ މީހުންނަށް އެއްޗިހި ކިޔައިގެން އިގްތިސާދެއް ކުރި ނޭރުވޭނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ޓޫރިޒަމަށް ކުރި އިންވެސްޓްމަންޓްތަކަކީ އެގޮތުން ފާހަގަ ކޮށްލެވޭ ވިޔަފާރިތަކެއް ކަމަށެވެ.

"ފަޅުރަށެއް އަދި ލިބުމަކުން އެތަން ތަރައްގީއެއް ނުކުރެވޭ. އޭގެ ބަދަލުގައި އެތަނުގައި އެބަ ޖެހޭ ފެނާއި ކައިބޮވޭނެ ގޮތާއި ފާހާނާ ކުރުމުގެ ނިޒާމާ މިހެން ގޮސް ހުރިހާ ކަމެއް ފުރިހަމަ ކުރަން. އަދި އޭގެ އިތުރަށް ބައްލަވައި ދުނިޔޭގެ އެހެން ގައުމުތަކަށް. އެ ތަންތަނުގައި އުޅޭ މުވައްޒަފުން ނިންމާފައި އެ މީހުންގެ ގެތަކަށް ދާނީ. އެކަމަކު ރާއްޖޭގައި އެބަ ޖެހޭ އެ މީހުން ތިބޭނެ ތަންތަން ރިސޯޓެއްގައި ހަދަން. އެހެން ވީމާ މި ހުންނަނީ ރިސްކެއްގައި ކުރާ ބޮޑެތި އިންވެސްޓްމަންޓްތައް،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ރާއްޖެ އޮތީ މީގެ ކުރިން ބޭރުގެ އެތައް ބަޔަކަށް ދަރަނިވެރިވެފައި ކަމަށެވެ. އަދި އެ ދަރަނިތައް ނުދައްކައިފި ނަމަ އިންތިހާބު ބޭއްވުމަށާއި އެކި ގޮތްގޮތުން ރާއްޖެއަށް ދަތިކޮށް ހުރަސް އަޅާނެ ކަމަށް އެކި ގައުމުތަކުން ބުނަމުން ދިޔަ ކަމަށެވެ. އެހެންވެ، އެ ތަޖުރިބާއަށް ބަލައި އަމިއްލަ ފައިމައްޗަށް ތެދުވެ، އިގްތިސާދީ މިނިވަންކަމަކަށް ރާއްޖެ އަންނަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އެކަން ކުރެވޭނީ ޕްރައިވެޓް ސެކްޓަރުގައި ގިނަ ވިޔަފާރިވެރިންތަކެއް އުފައްދައިގެން ކަމަށް ވިދާޅުވި އެވެ.

"މިނިވަންކަން ދެމެހެއްޓުމަށް އިގްތިސާދީ މިނިވަންކަމެއް އެބަ ބޭނުންވޭ. ގައުމެއްހެން މަސައްކަތް ކުރަން އަމިއްލަ ފައިމައްޗަށް ތެދުވަން ޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތަކީ 21 ގަރުނަށް ފެތޭނެ ފަދަ އުމްރާނީ ތަރައްގީތަކެއްގެ ތެރެއިން އެކަންކަން ހާސިލް ކުރުން ކަމަށް އަދީބު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެކަން ހާސިލް ކުރުމަށް ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތުގެ ނަތީޖާ އެބަ ފެންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ދަރަނި ކުޑަވެ، ރިޒާވް ވެސް ރަނގަޅުވަމުން އަންނަކަން ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.