ހަބަރު

ކޯސްޓްލައިން އާއި ޔުނިވާސަލް އަދި ކާސާ ހޯލްޑިންގް ރަންލާރި އެވޯޑް

Aug 13, 2015

އެންމެ ގިނައިން ޓެކްސް ދެއްކި ފަރާތްތަކަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން  ދޭ "ރަންލާރި" އެވޯޑް ކޯސްޓް ލައިން އިންވެސްޓްމަންޓް އާއި ޔުނިވާސަލް އެންޓަޕްރައިސަސް އަދި ކާސާ ހޯލްޑިންގްސް އަށް ލިބިއްޖެ އެވެ.

މީރާއަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރަންލާރި އެވޯޑު ހަވާލުކޮށްދެއްވީ ނައިބް ރައީސް އަހުމަދު އަދީބެވެ. ރަންލާރި އެވޯޑަކީ ޓެކްސްގެ އިޖުރާތުތައް ބަރާބަރަށް ފުރިހަމަކޮށް، މީރާއަށް ބަރާބަރަށް ޓެކްސް ދައްކާ ފަރާތްތަކަށް ދޭ ހާއްސަ އެވޯޑެވެ. މި އަހަރުގެ އެވޯޑު ރިސޯޓުތަކާއި ކުދި ވިޔަފާރިތައް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބޭންކްތަކަށް ވެސް ދީފައިވެ އެވެ.

މި އަހަރުގެ ރަންލާރި އެވޯޑް 11 ގިންތިއަކުން 17 ފަރާތްކަށް ލިބިފައިވެ އެވެ.

ވިޔަފާރި ފައިދާއިން ނެގޭ ޓެކްސް އެންމެ ގިނައިން ދައްކާފައިވަނީ މަޝްހޫރު ވިޔަފާރި ކުންފުނި، ޔުނިވާސަލް އާއި ޗަމްޕާ ބްރަދާސްގެ ދަށުން ހިންގާ ކާސާ ހޯލްޑިންގްސްގެ އިތުރުން ކޯސްޓް ލައިން އެވެ. މީގެ އިތުރުން ޓޫރިޒަމް ދާއިރާގެ ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން 150 އަށްވުރެ މަދުން އެނދު ހިމެނޭ ރިސޯޓުތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކާފައިވަނީ ޔުނިވާސަލް އިން ހިންގަމުން ގެންދާ ހުވަފެންފުށި ރިސޯޓެވެ. އަދި 150 އެނދާއި 250 އެނދުގެ ކެޓަގަރީން އެންމެ ގިނައިން ޓެކްސް ދެއްކީ ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ އެވެ. އަދި 250 އަށްވުރެ ގިނައިން އެނދު ހުރި ރިސޯޓުގެ ބައިގެ އެވޯޑު ލިބުނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓަށެވެ.

މީގެ އިތުރުން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ދައްކާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކައިގެން ޓްރެވަލް އެޖެންސީ ކެޓަގަރީގެ އެވޯޑު ލިބުނީ ސަން ހޮޓެލްސް އަށެވެ. އަދި މި ބައިގައި ހިމެނޭ ޓޫރިސްޓު ހޮޓަލުގެ އެވޯޑު ލިބުނީ ހުޅުލޭ އައިލެންޑް ރިސޯޓަށެވެ. އަދި އެތެރޭގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކާފައިވާ ފަރާތްތަކުގެ ގޮތުގައި ހިމެނިފައިވަނީ ޓީއެމްއޭ އެވެ. އަދި ސަފާރީ ވެސަލްގެ ބައިން އެންމެ ގިނައިން ޓެކްސް ދައްކާފައިވާ ފަރާތަކީ ބްލޫ ހޮރައިޒަންގެ، ހޮރައިޒަން ތިނެއް ސަފާރީ އެވެ. މީގެ އިތުރުން ގެސްޓް ހައުސްގެ ބައިގެ ރަންލާރި އެވޯޑު ލިބުނީ ފުލުސްދޫ އަސްކަނި ގެސްޓް ހައުސް އަށެވެ.

މީރާ އިން މިރޭ ދިން ރަންލާރި އެވޯޑު ޓޫރިޒަމް ދާއިރާގައި ނުހިމެނޭ ފަރާތްތަކަށް ވެސް ދީފައިވެ އެވެ. މިބައިގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ބޮޑެތި ވިޔަފާރިތަކުގެ ބައިގެ އެވޯޑު ލިބުނީ ސޮނީ ހާޑްވެއާ އަށެވެ. އަދި މެދު ފަންތީގެ އެވޯޑު ލިބުނީ އީގޯ މޯލްޑިވްސް އަށެވެ. އަދި ކުދި ވިޔަފާރިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކާފައިވަނީ ޕޭން އޯޝަން އިންޓަނޭޝަނަލް އެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކާފައިވަނީ އެމްއޭސީއެލް އެވެ. އަދި ބޭންކް ޕްރޮފިޓް ޓެކްސް އެންމެ ގިނައިން ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސް އެވެ.

މީރާ އިން މިރޭ ބޭއްވި ޖަލްސާގައި މީރާއަށް ފަސް އަހަރު ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ހާއްސަ އެވޯޑެއް ދީފައިވެ އެވެ. މީގެ އިތުރުން އެ ކުންފުނީގެ އާ ކޯޕަރޭޓް އައިޑެންޓިޓީއެއް ވެސް ދައްކާލާފައިވެ އެވެ. މީގެ އިތުރުން މިނިވަން ފަންސާސް ފާހަގަ ކުރުމުގެ ގޮތުން 10،000ރ. ގެ ސްޓޭޕް ސެޓެއް ވެސް ނެރުނެވެ