ޖާންވީ ކަޕޫރު

އިޝާން އާއި ޖާންވީގެ ގުޅުމަށް ޝާހިދު ތާއީދު

ޝާހިދު ކަޕޫރު ދާދި ފަހުން ވަނީ އޭނާގެ ކޮއްކޮ އިޝާން ޚައްތަރު އާއި ޖާންވީ ކަޕޫރު ލޯބީގެ ގުޅުމަށް ތާއީދުކޮށް އެ ގުޅުން ހަރުދަނާ ކުރާނެ ކަމުގެ އިރުޝާދުތައް އެ ދެ އެކްޓަރުންނަށް ދީފަ އެވެ. ޝްރީދޭވީ އާއި ބޯނީ ކަޕޫރުގެ ދަރިފުޅު ޖާންވީ ވަނީ "ދަޅަކް" ގައި އިޝާން އާއެކު ލީޑް ރޯލު އަދާކޮށްފަ އެވެ.

ޝާހިދު އަކީ އިޝާންގެ އެއްބަފާ ބޭބެ އެވެ. އަދި ވަރަށް ގާތް ގުޅުމެއް މި ދެބެންގެ މެދުގައި އޮވެ އެވެ.

ނެހާ ދޫޕިއާ ހުށަހަޅައިދޭ ޓޯކް ޝޯ "ނޯ ފިލްޓާ ނެހާ" ގައި ވާހަކަ ދައްކަމުން ޝާހިދު ބުނީ ކޮއްކޮ އިޝާން އާއި ޖާންވީ އަށް އޭނާ ދޭނެ އިރުޝާދަކީ ފިލްމީ ކެރިއަރާއި ޒާތީ ދިރިއުޅުން ބެލެންސް ކުރަން ދަސްކުރުމަަށެވެ.

ޖާންވީ އާއި އިޝާން ލޯބިގެ ގޮތުން ގުޅިގެން އުޅޭ ކަމަކަށް މީޑިއާގައި މިހާތަނަށް އެއްބަސް ވެފައެއް ނުވެ އެވެ. ނަމަވެސް ދެ ތަރިން އެކުގައި ވަރަށް ގިނައިން އެކި ތަންތަނަށް ދާތީ ފެންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ދާދިފަހުން ޖާންވި ވަނީ އޭނާގެ ގެޔަށް ޝާޙިދު އާއި އޭނާގެ އަންހެނުން މީރާ ކަޕޫރު އަދި އިޝާން އަށް ދައުވަތު ދީގެން ގެންގޮސް އަމިއްލަ އަތުން ކައްކާފައި ކާން ދީފަ އެވެ. މި ކެއުމުގައި ބައިވެރިވުމަށްފަހު މީރާ އިންސްޓަގްރާމް ކުރި ފޮޓޯއެއްގެ ތިރީގައި ޖާންވިގެ ކެއްކުމުގެ ހުނަރު އެބަހުރި ކަމަށް މީރާ ލިޔެފައި ވެއެވެ.

މި ކެއުމަކީ އިޝާން އާއި ޖާންވީގެ އޮންނަ ގުޅުން ޝާހިދުގެ ދެމަފިރިންނަށް ތައާރަފު ކުރުމުގެ ގޮތުން ބޭއްވި ކެއުމެއް ކަމަށް ޚަބަރުތައް ބުނެ އެވެ.

ޖާންވީގެ ބޭބެ އަރްޖުން ކަޕޫރު ބައިވެރިވި ކަރަން ޖޯހަރްގެ "ކޮފީ ވިތު ކަރަން" ގައި އަރްޖުން ވެސް ވަނީ ޖާންވީ އާއި އިޝާންގެ ގުޅުމާ ބެހޭ ގޮތުން ކޮންމެވެސް ވަރަކަށް އަލި އަޅުވާލާފަ އެވެ. އަރްޖުން ބުނީ ދެ މީހުންގެ ގުޅުން ގޮސްފައިވާ ހިސާބެއް ނޭނގޭ ކަމަށާއި ނަމަވެސް ޖާންވީގެ ވަށައިގެން އަބަދުވެސް އިޝާން އެނބުރޭތަން ފެންނަ ކަމަށެވެ.

ޖާންވީ އާއި އިޝާން އެކުގައި ކުޅޭ ފިލްމެއް މިވަގުތު ނެތް ނަމަވެސް ދެ ތަރިންނަށް ވެސް ކުޅޭނެ ގިނަ ފިލްމުތަކެއް ލިބި އެ ފިލްމުތަކުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.