ހަބަރު

ޓެކުހަށް މަކަރު ހެދި ފަރާތްތަކުގެ އަތުން މީރާއިން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދައިފި

Aug 14, 2015

ޓެކުހަށް މަކަރު ހެދި ފަރާތްތަކާއި ގަސްތުގައި ހިސާބުތައް އޮޅުވާލާފައިވާ ފަރާތްތަކުގެ އަތުން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ.

މީރާއަށް ފަސް އަހަރު ފުރުމުގެ ގޮތުން މިރޭ އާއްމުކުރި ރިޕޯޓުގައިވާ ގޮތުން ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ގިނަ ހަރަކާތްތަކެއް ހިންގާފައިވެ އެވެ. މީރާގެ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި އެ އޮތޯރިޓީން 8،000 އަށްވުރެ ގިނަ އޮޑިޓްކޮށް، އިތުރަށް ދައްކަން ޖެހޭ ފައިސާގެ ގޮތުގައި 24.5 ބިލިއަން ރުފިޔާ ހޯދާފައިވެ އެވެ. އަދި މީރާ އުފެދުނު 2010 ވަނަ އަހަރު ދައުލަތަށް ޓެކުހުގެ ގޮތުގައި ބަލައި ގެންފައިވަނީ 2.41 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ނިޔަލަށް 11.5 ބިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ. މީރާ އުފެދުނު ފަހުން އިތުރުކުރެވުނު ޓެކްސްތަކާއެކު ދައުލަތުގެ އާމްދަނީ ވަނީ 49.5 ޕަސެންޓުގެ ކުރި އެރުމެއް ލިބިފަ އެވެ.

ފަސް އަހަރު ތެރޭގައި 22،898 ވިޔަފާރި ޓެކްސް ދެއްކުމަށް މީރާގައި ރަޖިސްޓްރީ ކޮށްފައިވެ އެވެ. އަދި ޓެކުހަށް ރަޖިސްޓްރީ ކުރުމުގެ ނޯޓިސް 1،000 އެހާ ފަރާތަށް ފޮނުވާފައިވެ އެވެ. އަދި މި މުއްދަތުގައި 8،223 ވިޔަފާރިއެއް ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވެ އެވެ.

މީރާއިން ވަނީ މިދިޔަ އަހަރު ތެރޭގައި ޓެކުހުގެ މައުލޫމާތު ފެތުރުމާއި އެހީތެރިވުމަށް ޓެކްސް އެޖެންޓުން ތައާރަފުކޮށްފަ އެވެ. އެގޮތުން އެއްވަނަ ކެޓަގަރީގެ ހަ އެޖެންޓުންނާއި ދެވަނަ ކެޓަގަރީގެ އަށް އެޖެންޓުންނަށް ލައިސަންސް ދޫކޮށްފައިވެ އެވެ.