ވިޔަފާރި

މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފި

ކަނޑު ދަތުރުފަތުރުގެ ދާއިރާ އިން ބާއްވާ ބޮޑު ފެއާ، މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފި އެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން ކުރިއަށް ގެންދާ މި އެކްސްޕޯ މިއަދު ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ. މި އެކްސްޕޯ ގައި ކަނޑު އުޅަނދުފަހަރުތައް އެއް ޕްލެޓްފޯމެއްގައި ދައްކާލާނެ އެވެ. އަދި އުޅަނދުފަހަރާ ގުޅުންހުރި ސާމާނާއި އެ އުޅަނދުތައް ބަންނަ މީހުންނާއި ސަޕްލަޔަރުންގެ އިތުރުން އުޅަނދުތަކާ ގުޅުންހުރި އެކި ހިދުމަތް ފޯރުކޮށްދޭ މީހުންވެސް ބައިވެރިވެފައި ވެ އެވެ. މީގެ އިތުރުން މެރިން އިންޑަސްޓްރީގެ ބޮޑެތި ކުންފުނިތަކުން މި އެކްސްޕޯގައި ބައިވެރިވެއެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި އެކްސްޕޯގައި 30 ފަރާތަކުން ބައިވެރިވެފައިވާއިރު މެރިން އިންޑަސްޓްރީ އާ ގުޅުންހުރި 52 ސްޓޯލް ހުންނާނެ އެވެ.

ސްޓޯލްތައް ބަހައްޓާފައި ހުރީ ދަރުބާރުގެ އާއި މަސްވެރިންގެ ޕާކުގަ އެވެ. އަދި މަސްވެރިންގެ ޕާކުގައި މި އަަހަރު އުޅަނދުތައް ޑިސްޕްލޭ ކޮށްފައި ވަނީ ފަޅު ތެރޭގައި ކަމުން އެ ކުންފުނިތަކުން ބުނާ ގޮތުގައި މިއީ ކުރިއާ ބަލާފައި ލިބޭ ވަރަށް ބޮޑު ފަސޭހަ އެކެވެ. މަސްވެރިންގެ ޕާކުގައި އަލްޝާލީ މެރިން އާއި ގަލްފް ކްރާފްޓްގެ އުޅަނދުތައް ވަނީ ފަަޅު ތެރޭ ޑިސްޕްލޭ ކޮށްފަ އެވެ.

ކޯ ސްޕޮންސަރަކަށް އަލްޝާލީ މެރިން

މި އަހަރުގެ މެރިން އެކްސްޕޯގެ ކޯ ސްޕޮންސަރަކީ އަލްޝާލީ މެރިން އެވެ. އެކި ސައިޒުތަކުގެ އުޅަނދު ފަހަރު ބަންނަމުން ގެންދާ އަލްޝާލީ އަކީ މެރިން އިންޑަސްޓްރީގައި ގިނަ ދުވަސްވީ އެއް ކުންފުންޏެވެ.

އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފް ވިދާޅުވި ގޮތުގައި ކުރީ އަހަރުތަކާ ހިލާފަށް މި އަހަރު ސްޓޯލް ބަހައްޓާފައި ހުރި ސަރަހައްދު ތަފާތު ވެފައި ފަޅު ތެރޭ ޑިސްޕްލޭ ކުރެވުމަކީ ބޮޑެ ފަސޭހަ އެކެވެ.

"އަޅުގަނޑުމެންގެ ވޯޓާ ޑިސްޕްލޭގައި ހަތަރު އުޅަނދެއް ބެހެއްޓިިފައި ހުންނާނެ. އެއީ ޑައިވިން އެންޑް އެކްސްކާޝަން އަށް ލޯންޗަކާއި މަހަށްދާ ކުޑަ ލޯންޗެއް އަދި 31 މީހުންގެ ޖާގަ އާއި 60 މީހުންގެ ޖާގައިގެ ބޮޑު ލޯންޗެއް. ވޯޓާ ޑިސްޕްލޭގެ އިތުރުން މަސްވެރިންގެ ޕާކުގައި ހުންނަ ސްޓޯލްގައި އަލްޝާލީ މެރިންގެ ޕްރޮޑަކްޓް ތަކާއި ހިދުމަތްތަކުގެ މައުލޫމާތުތައް ލިބޭނެ" އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު ވިދާޅުވި އެވެ.

މިއީ ބޯޓިން އެސޯސިއޭޝަނުން ކުރިއަށްގެންދާ ފަސްވަނަ މެރިން އެކްސްޕޯ އެވެ.