ވިޔަފާރި

އެމެރިކާގެ ސްކެޗާޒް ބްރޭންޑުގެ ފިހާރައެއް މާލޭގައި ހުޅުވައިފި

Oct 24, 2019
1

ފައިވާނާއި ބޫޓު އުފައްދަން މަޝްހޫރު އެމެރިކާގެ "ސްކެޗާޒް" ބްރޭންޑުގެ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

ސްކެޗާޒް ފްރެންޗައިޒް ފިހާރަ ހުޅުވާފައި ވަނީ މަޖީދީމަގު، ބިއްލޫރިޖެހިގެއާ ކައިރި ކުރިމަތީން އަނެއް ފަޅީފަ އެވެ. މި ފިހާރަ ހުޅުއްވައި ދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ރާއްޖޭގެ މަޝްހޫރު ދެ ދުވުންތެރިން ކަމަށްވާ ހަސަން ސާއިދު އާއި މަރިޔަމް އަބްދުލް ކަރީމް (މަރީ) އެވެ.

އެ ފިހާރާގައި ހުރިހާ އުމުރެއްގެ މީހުންނަށް ބޭނުންވާނެ ފައިވާނާއި ބޫޓު ވެސް ހުރެ އެވެ.

ސްކެޗާޒް ފްރެންޗައިޒްގެ އެކްޓިން އިންޗާޖް އަބްދުﷲ މުހައްމަދު ވިދާޅުވީ ރޭ ހުޅުވި ފިހާރައިގެ ތަފާތަކީ ބޭރުގައި އެ އުފެއްދުންތައް ލިބޭ އަގުގައި ދިވެހިންނާ ހަމަ އަށް ގެނެސްދެވުން ކަމަށެވެ.

"އަޅުގަނޑުމެންގެ ތަފާތަކީ ފުރިހަމަ ރަނގަޅު ޕްރޮޑަކްޓެއް ގެނެސް ދިނުން. މިއީ ދިވެހިންގެ ގިނަ ބަޔެއްގެ މެދުގައި ވަރަށް މަގުބޫލު ބްރޭންޑެއް. އެހެންވެ މިއީ ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.

ސްކެޗާޒް ފްރެންޗައިޒް ފިހާރާގައި ބޫޓުގެ އަގުތައް އުޅެނީ 1500ރ. އިން ދަށުގެ އަގުތަކުގައެވެ.