ހަބަރު

ވިއްސާރައިގެ ގެއްލުންތައް ބަލައި އެހީވާން ފަށައިފިން: ރައީސް

Aug 14, 2015

މިހާރު ކުރާ ވިއްސާރައިގައި އައްޑު އާއި ފުވައްމުލަކަށް ލިބެމުން އަންނަ ގެއްލުންތައް ވަރަށް ކައިރިން ބަލައި އެހީތެރިވަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރޭ އެ ދެ ރަށަށް ކުރި ވިއްސާރައިގައި 300 އަށް ވުރެ ގިނަ ގެއަަށް ގެއްލުން ވެފައި ވާތީ ރައީސް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ މިދުވަސްވަރު ކުރަމުންމިދާ ވިއްސާރައިގައި ގެއްލުން ލިބެމުންދާ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުގެ ވުޒާރާތަކާއި، ކަމާ ބެހޭ އެހެނިހެން މުޢައްސަސާތަކުން ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އާންމުން ރައްކާތެރި މާހައުލަކަށް ގެންގޮސް، އާންމުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމުގައި ދައުލަތުގެ ކަމާބެހޭ މުޢައްސަސާތަކުން މަސައްކަތް ކުރައްވަމުން ގެންދަވާގޮތް ސީދާ އަޅުގަނޑު ބަލަމުންގެންދާކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ރައީސް ވަނީ ބަޔާނުގައި ވިދާޅުވެފަ އެވެ.

"ގަދަ ވަޔާއެކު ރޭ ފަތިހު ކުރި ވިއްސާރައިގައި އައްޑޫ ސިޓީއާއި ފުވައްމުލަކުގެ ބައެއް އާންމުންގެ ގެދޮރަށާއި ތަކެއްޗަށް ލިބެމުންދާ ގެއްލުންތައް އަޅުގަނޑު މިދަނީ ވަރަށް ގާތުން ބަލަމުންނެވެ. މިގޮތުން ކަމާބެހޭ މުޢައްސަސާތަކާ ބައްދަލުކޮށް، މި ވިއްސާރައާ ގުޅިގެން އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު އަޅުގަނޑު މިދަނީ ހޯދަމުންނެވެ،" ބަޔާނުގައިވެ އެވެ.

ރައީސް ވަނީ، މިދުވަސްވަރަކީ މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްތަކަށް އުދަ އަރަމުންދާ ދުވަސްވަރަކަށް ވުމާއެކު، މިކަމަށް އާންމު ރައްޔިތުން ސަމާލުވެ، ރައްކާތެރިވެ ތިއްބެވުމަށް އިލތިމާސް ކުރައްވައިފަ އެވެ.

"މި ވިއްސާރައިގައި ގެއްލުން ލިބެމުންދާ ފަރާތްތަކުގެ ހިތާމައިގައި އަޅުގަނޑު ބައިވެރިވާ ވާހަކަވެސް ދެންނެވީމެވެ." ބަޔާނުގައިވެ އެވެ.