ހަބަރު

ބޮޑު ހިޔާނާތާ ގުޅުންހުރި ފުލުހުންގެ ތެރޭގައި ކުރީގެ ސީޕީއެއް

Oct 24, 2019
8

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން ފުލުހުންތަކެއްގެ މައްސަލަ ބަލަމުން އަންނަ އިރު، އޭގެ ތެރޭގައި ކުރީގެ ޕޮލިސް ކޮމިޝަނަރެއް ހިމެނޭކަމަށް ފުލުހުން މިއަދު ހާމަކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި ހިޔާނާތާ ގުޅުން ހުރި މައްސަލައެއްގައި ފުލުހުންތަކެއް ބައިވެރިވެފައިވާ ކަމުގެ ތުހުމަތުތަކެއްގެ މައްސަލަ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ބަލަމުން ގެންދާ ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް އޭރު މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުންނާއި، އޭސީސީގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދުލުވުމެއްގައި މިހާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ވިދާޅުވީ ހިޔާނާތުގެ ތުހުމަތު ހަތް ފުލުހަކަށް ކުރެވޭ ކަމަށާއި، އޭގެ ތެރޭގައި ކުރީގެ ޕޮލިސް ކޮމިޝަނަރަކާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރެއް ހިމެނޭ ކަމަށެވެ.

ނަމަވެސް، އެ ބޭފުޅުންގެ ނަންތައް ހަމީދު ހާމައެއް ނުކުރައްވަ އެވެ. ހަމީދު ވިދާޅުވި ގޮތުގައި ލިބިފައިވާ މައުލޫމާތުތަކާ ގުޅިގެން ތަހުގީގު ހިންގާތީ، މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ލިސްޓު އާއްމު ނުކުރާނެ ކަމަށެވެ. ނަމަވެސް، އޭގެ ތެރޭގައި ތިބި ބައެއް ފަރާތްތަކާ ތަހުގީގަށް މިހާތަނަށް ސުވާލު ކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ތަހުގީގުގައި ސުވާލުކުރުން ކުރިއަށް ދާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނީ 177 މީހުންނަށް ކަމަށް ކުރިން ބުނެވުނު ނަމަވެސް، މިހާރު ލިބިފައިވާ އާ މައުލޫމާތުތަކަށް ބަލާއިރު އެ އަދަދު 267 މީހުންނަށް އިތުރުވެފައިވާކަމަށް މިއަދު ފުލުހުން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި މިހާރުގެ ސަރުކާރުގައި ތިއްބެވި ހަތް ބޭފުޅަކާއި، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި ކުރީގެ މަޖިލީހުގެ 44 މެންބަރަކާއި، އަދި މިހާރު ކޯޓުތަކުގައި ތިއްބެވި އަށް ފަނޑިޔާރަކަށްވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ މުހައްމަދު ރިޔާޒް ވިދާޅުވިއެވެ.