ވިޔަފާރި

ބީއެމްއެލް އިން ދިގު މުއްދަތަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

Oct 25, 2019
1

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަށް ހިދުމަތްކޮށްފައިތިބި މުވައްޒަފުންގެ އަގު ވަޒަންކޮށްފި އެވެ.

މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރަން، ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިރޭ ބޭއްވި ހަފުލާއެއްގައި ދިގު މުއްދަތަށް ހިދުމަތްކޮށްދީފައިވާ 30 މުވައްޒަފެއްގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެ އެވެ.

މި ހާއްސަ ހަފްލާގައި ބޭންކަށް 15 އަހަރާއި 35 އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޓިމް ސޯޔާ އެވެ. އެވޯޑު ލިބުނު މުވައްޒަފުންގެ ތެރެއިން އެންމެ ހާއްސަ އެވޯޑެއް ދީފައިވަނީ ބީއެމްއެލް އަށް 35 އަހަރު ހިދުމަތްކޮށްދީފައިވާ ފާތިމަތު ރަޝީދާ އަށެވެ.

30 އަހަރު ހިދުމަތްކޮށްފައިވާ ފަރާތްތައް:

  • އަމްސޫދާ ނައީމް: ސީނިއަރ އޮފިސާ، އިންޓަރނޭޝަނަލް ބޭންކިން
  • އާމިނަތު ނަސީމް: ކަސްޓަމަރު ސާވިސް ޑެޕިއުޓީ މެނޭޖަރު
  • އައިޝަތު ސަދްނާ: މެނޭޖަރު، ޗެކް ޕްރޮސެސިން
  • އަބްދު ﷲ ޝަމީމް: ވޭމަންޑޫ ބްރާންޗް މެނޭޖަރު

މި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ބޭންކްއަށް މުވައްޒަފުން ކޮށްދޭ ހިދުމަތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

"މި ބޭންކަށް ވޭތުވެދިޔަ އަހަރުތަކުގައި ތިޔަބޭފުޅުން ކޮށްދެއްވައިފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެކަން ފާހަގަ ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބީއެމްއެލްގައި ހީވާގިކަމާއެކު ދިގު މުއްދަތަކަށް މަސައްކަތްކުރާ މުވައްޒަފުން ދެމެހެއްޓި، މުވައްޒަފުންގެ އަގުވަޒަން ކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު ފަހުރެއް. ތިޔަ ބޭފުޅުންނަކީ ބޭންކުގައި ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދެއްވައި، ބޭންކަށް ކާމިޔާބު ހޯއްދަވައި ދެއްވުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުން. މުވައްޒަފުން ނަމޫނާ އެއްގެ ގޮތުގައި ބަލަނީ ވެސް ހަމަ ތިޔަ ބޭފުޅުން. ވޭތުވެދިޔަ އަހަރުތަކުގައި ބޭންކަށް ކޮށްދެއްވި މިންނަތް މަސައްކަތަށްޓަކައި ޝުކުރު ދަންނަވަން،" ޓިމް ވިދާޅުވި އެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ. ބީއެމްއެލް އިން ގެންގުޅެމުންދާ ކުރިއަރާފައިވާ އިންސާނީ ވަސީލަތްތަކުގެ ސިޔާސަތުތައް އަގުވަޒަންކުރުމުގެ ގޮތުން ދޭ " އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" މި އަހަރު ކުރީކޮޅު ބޭންކްއަށް ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލިބިފަ އެވެ.