އާމިރު ޚާން

އާމިރު ހާން މޮޅަސް ދަރިފުޅު އެކްޓިންއަށް މޮޅެއް ނޫން

އާމިރު ޚާންގެ ދަރިފުޅު އީރާ ޚާން ބުނާ ގޮތުގައި އޭނާ އަކީ ބައްޕަ ކަހަލަ އެކްޓިން އަށް މޮޅު ކުއްޖެއް ނޫނެވެ. މޮޅަށް އެކްޓްކުރަން ނޭނގޭ ކަމަށް އީރާ އަށް ގަބޫލު ކުރެވޭތީ ފިލްމީ ބަތަލާއަކަށް ވުމުގެ ވިސްނުމެއް އީރާ ނުގެންގުޅެ އެވެ. އެކަމަކު އޭނާ ކިޔެވީ ފިލްމު އުފެއްދުމުގެ ރޮނގުންނެވެ.

އީރާ ޑައިރެކްޓްކުރާ ފުރަތަމަ ތަމްސީލު "ޔޫރިޕިޑީސް" އަންނަ ޑިސެމްބަރުގައި ދައްކަން ފަށަން ތައްޔާރު ވަމުންނެވެ.
އީރާގެ އިންސްޓަގްރާމް ޕޯސްޓެއްގައި އޭނާ އެކްޓް ކުރަނިކޮށް ފެންނަ ވީޑިއޯ އަކާއެކު ލިޔެފައިވާ ގޮތުގައި އޭނާ އެކްޓްކުރާ ހިތް ނުވިޔަސް ޑްރާމާއެއް ޑައިރެކްޓް ކުރާނަމަ އެކްޓް ކުރަނީ ކިހިނެއްކަން އެނގުން ވަރަށް މުހިއްމެވެ.

މިޒާޖުގައި ލަދު ގަންނަ ސިފަތަކެއް ހުންނާތީ އީރާއަށް އެކްޓް ކުރުމަކީ ފަސޭހަކަމެއް ނުވިޔަސް މޮޅު ޑައިރެކްޓަރަކަށް ވުމަށްޓަކައި އެކްޓިން ދަސް ކުރަނީ ކަމަށް އީރާގެ ވީޑިއޯގެ ތިރީގައި ލިޔެފައި ވެއެވެ.

އީރާގެ ޕްލޭ ޕްރޮޑިއުސް ކުރަނީ އަކްޝަރާ ހަސަން އާއި އަކްޝަރާގެ މަންމަ ސާރިކާ ގުޅިގެންނެވެ. ސާރިކާ އަކީ ކުރީގެ މަޝްހޫރު ފިލްމީ ބަތަލާ އެކެވެ.

"އަހަރެން އެކްޓްކުރުމަށް މޮޅެއް ނޫން. އަހަރެން ލަދުގަނޭ އެކްޓްކުރަން. އެކްޓަރަކަށް ވާން ބޭނުން ނުވާތީ ކޮންމެހެން އެކަން ކުރާކަށް ނުވެސް އުޅެން. އެކްޓް ކުރުމަކީ ފޫހިވާ ކަމެއް. ނަމަވެސް ޑައިރެކްޓް ކުރަން ބޭނުން ނަމަ ބައެއް ފަހަރަށް އެކްޓް ކުރަން ވެސް ޖެހޭނެ. ނޫނީ އެކްޓް ކުރަން އެނގެން ޖެހޭނެ. ބޭނުން ނުވިޔަސް އެއީ ކުރަން ޖެހޭނެ ކަމެއް. ސަބަބަކީ އެކްޓްކުރާ ގޮތް އެނގިގެން ނޫނީ ޑައިރެކްޓަރަކަށް ނުވެވޭނެތީ. އެހެންވެ މި އުޅެނީ އެކްޓް ކުރެވޭތޯ. ބައެއް ފަހަރަށް ރަނގަޅަށް ކުރެވޭ. އަނެއް ބައި ފަހަރަކަށް ނުކުރެވޭ،" އީރާ ލިޔެފައި ވެއެވެ.