އޮފްބީޓް

މޮޅަށް އެކްޓް ކޮށްގެން މިފަހަރުގެ އޮސްކާ އަހަކަށް!

ހެނދުނު ހޭލުމަކީ އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް އުނދަގޫ ކަމެކެވެ. ހެނދުނު ތެދުވެގެން މަސައްކަތު ދާން ޖެހޭ މީހުން އެއް ދުވަސް ވެސް މަސައްކަތު ނުގޮސް ވޭތޯ ބަލިވެ އުޅޭ ކަމަށް ބުނެ ބަހަނާ ދައްކަ އެވެ. މިފަހަރު މޮޅަށް އެކްޓް ކޮށްގެން ބަލިވެފައިވާ ކަމުގެ ބަހަނާ ދެއްކީ އަހެކެވެ.

މި އަސް ވަރަށް ކަންނެތް ވެފައި އެއްގޮތަކަށް ވެސް މަސައްކަތް ކުރާ ހިތް ނެތިފައި އޮތް ދުވަހަކު ވަރަށް މޮޅު އެކްޓިން އެއް ދައްކައިގެން ވަނީ ގިނަ ބަޔަކު ހައިރާން ކޮށްލާފަ އެވެ. މި އަހުގެ ވަޒީފާއަކީ އޭތީގެ ބުރަކަށި މައްޗަށް މީހުން އަރުވައިގެން ދަތުރު ކުރުމެވެ. ނަމަވެސް އެއް ދުވަހަކު މީތި މި މަސައްކަތް ކޮށްކޮށް މާ ބޮޑަށް ވަރުބަލިވީ ކަމަށް ބެލެވެ އެވެ.

އަސް ކުރިކަމަކީ ބިންމަތީގައި އޮށޯވެ މަރުވެފައި އޮތް ކަމަށް ހެދުނީ އެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު ވަރަށް ގިނަ ބަޔަކު ވީޑިއޯ ބަލާފައި މަޖާވެގެން އެބަ އުޅެ އެވެ.

މި ވީޑިއޯ އިން ފެންނަނީ ޖިންގްޖެންގް ނަމަކަށް ކިޔާ މި އަސް މަރުވީ ކަމަށް ހެދިގެން ބިންމަތީގައި އޮށޯވެގެން އޮތް ތަނެވެ. މީހަކު އޭތި ދުއްވަން އެޔަށް އަރަން އަންނައިރު އޭތި އޮށޯވެ މަރުވާ ކަމަށް ހެދެ އެވެ. ކޮމްޕައިލް ކޮށްފައވާ މި ވީޑިއޯއިން ފެންނަނީ ވަރަށް ގިނަ އިރު ތަކެއް ވަންދެން އަސް ހަމަ އެގޮތަށް ކަންތައް ކުރާ ތަނެވެ. އޭތި ދުއްވަން މީހަކު އަންނައިރަށް އޮށޯންނަ ތަނެވެ.

މި ވީޑިއޯ މިހާތަނަށް 32 މިލިއަން މީހުން ބަލާފައި ވެއެވެ. އަދި 633000 މީހަކު ޝެއާ ކޮށްފައި ވެއެވެ. ޔޫޓިއުބުގައި ޖިންގްޖަންގް އަށް ނިސްބަތްކޮށް ވަރަށް މަޖާ ކޮމެންޓްތައް ވެސް މީހުން ކޮށްފައި ވެއެވެ.

"މިފަހަރުގެ އޮސްކާ އެވޯޑު ޖިންގްޖެންގް އަށް ޔަގީންވެއްޖެ،" އެކަކުގެ ކޮމެންޓްގައި ވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ކުއްތާއެއްގެ މިފަދަ ވީޑިއޯ އެއް ވެސް ސޯޝަލް މީޑިއާއިން ފެނިފައި ވެއެވެ. އެ ވީޑިއޯގައި ފެންނަނީ ފަޔަށް އަނިޔާވި ކަމަށް ހެދިގެން އުޅޭ ކުއްތާ އެކެވެ. އޭތި ކައިރިއަށް ދާ މީހުން އަތުން ކާ އެއްޗެތި ހޯދަން ވެގެން މި ކުއްޖާ ފަޔަށް ތަދުވެގެން އުޅޭކަމަށް ހެދިގެން އުޅޭތަން ވީޑީއޯ އިން ފެނެ އެވެ.