ސޯނަމް ކަޕޫރް

ސޯނަމްގެ ދެމަފިރިން އަދިވެސް ހަނދާންވަނީ ރާއްޖެ

ސޯނަމް ކަޕޫރާއި ފިރިމީހާ އާނަންދު އަހޫޖާއަށް އަދިވެސް ރާއްޖޭގެ ހުވަފެންތަކަކާ ދުރަކަށް ނުދެވެ އެވެ.

އާނަންދު އިންސްޓަގްރާމްގައި ބުރާސްފަތި ދުވަހު ކުރި ޕޯސްޓް އަކީ މީގެ ހެއްކެކެވެ. ރާއްޖޭގައި އެންމެ ފަހުން ހޭދަކުރި ޗުއްޓީގެ ވަރަށް ރީތި ފޮޓޯއެއް ޝެއާ ކުރަމުން އާނަންދު ލިޔެފައިވާ ގޮތުގައި ރާއްޖޭގައި ހޭދަކުރި ކޮންމެ ދުވަހަކީ ވެސް ބުނެދޭން ވެސް ނޭނގޭހާ އުފަލާއި ހިތްހަމަޖެހުން ލިބުނު ދުވަހެކެވެ.

އާނަންދުގެ މި ޕޯސްޓަށް ސޯނަމް ވަގުތުން ކޮމެންޓްކޮށްފައި ވެއެވެ. ނަމަވެސް އޭނާގެ ތައުރީފު ރައްދުވީ ފިރިމީހާ އަށެވެ.
މި ފޮޓޯގައި ސޯނަމް އާއި އާނަންދު ތިބީ ބޯޓެއްގެ ތެރޭގައި އޮށޯވެލައިގެން އަރާމު ކޮށްލާށެވެ.

ސޯނަމްގެ ދެމަފިރިންނާއި އާއިލާގެ ބައެއް މީހުން އެންމެ ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރީ މި މަހު ކުރީކޮޅު އެވެ. އެ ދަތުރުގެ ވަރަށް ގިނަ ފޮޓޯތަކާއި ވީޑިއޯތައް ސޯނަމް ވަނީ ސޯޝަލް މީޑިއާގައި ޝެއާކޮށްފަ އެވެ. އެތަނުން އެއް ވީޑިއޯގެ ކެޕްޝަނަކަށް ސޯނަމް ލިޔެފައިވަނީ "ގޮނޑުދޮށަށް ލޯބިކުރާ އަހަރެންކަހަލަ މީހަކު ޖާދޫއެއް ފަދަ ދިވެހިރާއްޖޭގައި އެންމެ މަގްބޫލު މީހުންނާއެކު ހޭދަކުރާ ދުވަސްތަކަކީ ހަމަ ޔަގީނުންވެސް އަގު ނުކުރެވޭ ވަރުގެ ދުވަސް ތަކެކެވެ." މިހެންނެވެ.

ވަރަށް ގިނަ ދުވަސް ތަކަކު ރައްޓެހިވެގެން އުޅުމަށްފަހު ސޯނަމް އާއި އާނަންދު ކައިވެނި ކުރީ މިދިޔަ އަހަރުގެ މޭ މަހު އެވެ. އާނަންދު އަކީ ވަރަށް މުއްސަނދި ވިޔަފާރިވެރިއެކެވެ.

ފިލްމީ ރޮނގުން ބަލާއިރު ސޯނަމް އެންމެ ފަހުން ކުޅުނު "ދަ ޒޯޔާ ފެކްޓާ" ވަނީ ރިލީޒް ކޮށްފަ އެވެ. އޭނާ ކުޅޭ އިތުރު ފިލްމެއް އަދި އިއުލާން ކޮށްފައެއް ނެތެވެ.