ހަބަރު

ޒުވާނުންގެ ދުވަސް ފާހަގަ ކުރަން ހުޅުމާލޭގައި ކުލަގަދަ ހަރަކާތްތަކެއް

Aug 14, 2015

ކުލަ ގަދަ އަދި ފޯރި ގަދަ ހަރަކާތްތަކަކާ އެކު ހުޅުމާލޭގައި ބައިނަލް އަގުވާމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރަން ފަށައިފި އެވެ.

މިއަދު ހަވީރު 4:30 ގައި ހުޅުމާލޭ ބާބަކިޔު ސަރަހައްދުން ފެށި ސައިކަލާއި ކާރު ބުރު ލީޑްކޮށްދެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެންޓަރު އަބްދުﷲ ޒިޔަތު އެވެ. އެ ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި އެވެ. އެ ސައިކަލް ބުރު ނިންމާލީ އެސްޓީއޯ އިން ހަދަމުން އަންނަ ރެޑިސަން ހޮޓޯ ސަރަހައްދަށެވެ. އެއަށް ފަހު ލިކުއިޑް ވޯޓާ ސްޕޯޓްސް ފަރާތުން ފްލައިބޯޑްގެ ހަރަކާތްތައް ވަނީ ހުޅުމާލޭ ފަޅު ތެރޭގައި ބާއްވައިފަ އެވެ. އެ ހަރަކާތްތައް ބަލައިލުމަށް ގިނަ ބަޔަކު ޖަމާވި އެވެ.

ހުޅުމާލޭގައި ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ކުޅިވަރުތައް މި ބާއްވަނީ، އެ ރަށަކީ ޔޫތް ސިޓީގެ ގޮތުގައި މި ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ ސަރަހައްދަކަށް ވާތީ އެވެ.

ގިނަ ޒުވާނުން އުފާކޮށްލުމަށް ހަފްތާ ބަންދުގައި ދާ ބާބަކިޔު ސަރަހައްދު ޒަމާނީ ބަދަލުތަކަކާ އެކު މިރޭ ހުޅުވުން އޮންނާނެ އެވެ. އެ ތަން ހުޅުއްވައި ދެއްވަނީ ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން، އިންޑިއަން އައިލެންޑް އޯޝަން ގޭމްސްގައި ރާއްޖެއަށް ރަންމެޑަލް ހޯދައިދިން ހަސަން ސާއިދު އެވެ. އެ ސަރަހައްދުގައި ސީޓިން އެރޭންޖް މަންޓްތަކުގެ އިތުރަށް ބާބަކިޔުއަށް ބޭނުންވާ ތަކެތި ލިބޭނެ ފިހާރައެއް ވެސް މިރޭ ހުޅުވާނެ އެވެ.

އެއަށް ފަހު ހަވާއެރުވުން އޮންނާނެ އެވެ. އަދި ދަންވަރު 1:00 އާ ހަމަޔަށް ޒުވާނުންގެ މިޔުޒިކް ޝޯއެއް ކުރިއަށް ދާނެ އެވެ. އެ ޝޯގައި މީރާ އާއި ތޭރަވާ އަދި ދަންމާނު ބޮޑު ބެރު ގްރޫޕުން ހަރަކާތްތައް ހުށަހަޅައި ދިނުމަށް ވަނީ ރާވައިފަ އެވެ.