ހަބަރު

ޒަމާނީ ބާބަކިޔު ސަރަހައްދަކާއި ހިތްފަސޭހަ ޕާކެއް ހުޅުމާލޭގައި ހުޅުވައިފި

Aug 14, 2015

އެއްފަހަރާ ސަތޭކަ އަށްވުރެ ގިނަ މީހުންނަށް ބާބެކިޔު ހެދޭ ބޮޑު، ސަރަހައްދަކާއި ހުޅުމާލެ ސެންޓްރަލް ޕާކު މިރޭ ހުޅުވައިފި އެވެ.

ބައިނަލް އަގުވާމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ހުޅުމާލޭގައި މިއަދު ހަވީރުން ފެށިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ބައެއްގެ ގޮތުން ހުޅުމާލޭގައި ހަދާފައިވާ "ސެންޓްރަލް ޕާކު" ވަނީ ހުޅުވާފަ އެވެ. މި ޕާކާއި ބާބެކިއު ހަދާ ސަރަހައްދު ހުޅުވައި ދިނީ ނިމިގެން ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްގައި ރާއްޖެއަށް ރަންމެޑަލް ހޯދައިދިން ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ.

ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަދާފައިވާ މި ބާބެކިއު ސަރަހައްދުގައި އެއް ފަހަރާ ގާތްގަނޑަކަށް 130 މީހުންނަށް ބާބެކިޔު ހެދޭނެ ވަސީލަތްތައް ގާއިމްކޮށްފައިވެ އެވެ. މި ސަރަހައްދުގައި ބާބެކިޔު ހެދުމަށް 20 ޕިޓް ބަހައްޓާފައިވެ އެވެ. އަދި ކެވޭ ގޮތަށް އެ ސަރަހައްދުގައި ވަނީ ސިމެންތި މޭޒުތަކެއް ވެސް ހަދައިފަ އެވެ. މީގެ ކުރިން އެ ސަރަހައްދު އޮންނަނީ އެއްވެސް އަޅާލުމެއް ނެތި އެވެ. އަދި މިހާރު ހުރި ވަސީލަތްތަކެއް ވެސް ނުހުރެ އެވެ. އެކަމާ ހުރެ އެތަނަށް ބާބަކިޔު ހަދަން ދާ އާންމުންގެ ޝަކުވާ އޮންނަނީ ބޮޑުވެފަ އެވެ. އެކަމަކު މި ސަރަހައްދާ އެކު އެކަމަށް ނިމުމަކަށް އަންނާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

ހުޅުމާލޭގައި މިރޭ ހުޅުވި ސެންޓްރަލް ޕާކަކީ ގިނަ ކުޅިވަރުތަކެއް ކުޅެވޭ ގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ޕާކެކެވެ. މި ޕާކުގައި ބައިސްކަލް ދުއްވުމަށް ހާއްސަ ސަރަހައްދަކާއި ސްކޭޓް ކުރުމަށް ހާއްސަ ސަރަހައްދެއް އޮވެ އެވެ.

ބައިނަލް އަގުވާމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭގައި ސައިކަލް ބުރަކާއި ފްލައި ބޯޑުގެ ހަރަކާތަކެއްގެ އިތުރުން މިރޭ ޝޯވްއެއްވެސް ބޭއްވުމަށް ހަމަޖައްސާފައިވެ އެވެ. ހަވާއެރުވުމުގެ ހަރަކާތްތަކާ އެކު ބާއްވާ އެ ޝޯގައި މީރާ އާއި ތޭރަވާ އަދި ހަބޭސް ބޮޑު ބެރު ގްރޫޕުން ހުށަހެޅުންތައް ހުށަހަޅައި ދޭނެ އެވެ. އަދި އެ ޝޯ މިރޭ ދަންވަރު 1:00 އަށް ކުރިއަށް ދާނެ އެވެ.