ޝާހްރުކް ހާން

އާރްޔަންގެ އެކްޓިން ހުނަރެއް ނެތް: ޝާހްރުކް ޚާން

ބޮލީވުޑްގެ ތަރިންގެ ދަރިންގެ ތެރެއިން ގިނަ ކުދިން މައިންބަފައިންގެ ފަހަތުން ފިލްމީ ދުނިޔެއަށް ވަންނަން ބޭނުންވެ އެވެ. އަދި ކުޑައިރުއްސުރެ ފިލްމީ ހުވަފެން ދެކެ އެވެ. ނަމަވެސް ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ތަފާތެވެ. ޝާހްރުކް ބުނާ ގޮތުގައި އޭނާގެ ދޮށީ ދަރިފުޅުގެ އެކްޓަރަކަށް ވުމުގެ ޝައުގުވެރިކަމެއް ނެތެވެ.

ނެޓްފްލިކްސް އިން ދާދިފަހުން ދެއްކި "ޑޭވިޑް ލެޓަމަން" ޝޯގައި ޝާހްރުކް ވަނީ އޭނާގެ ދެ ދަރިން ކަމަށްވާ ސުހާނާ އާއި އާރްޔަން އާ ބެހޭ ވަރަށް ގިނަ މައުލޫމާތު ހާމަ ކޮށްފަ އެވެ.

ޝާހްރުކް ބުނި ގޮތުގައި އާރްޔަންގެ ކިބައިގައި އެކްޓިން ހުނަރެއް ނެތެވެ. އެހެންވެ ދަރިފުޅަށް އެކްޓް ކުރެވިދާނެ ކަމަކަށް ޝާހްރުކް ގަބޫލެއް ނުކުރެ އެވެ.

"އަހަރެންގެ ދަރިފުޅު ފިލްމު ކުޅޭކަށް ބޭނުމެއް ނޫން. އަދި އޭނާއަށް އެކަން ކުރެވިދާނެ ކަމަކަށް އަހަރެން ގަބޫލެއް ވެސް ނުކުރަން. ނަމަވެސް އިންޑިއާގައި އޮންނަ ގޮތަކީ ބައްޕަ ފިލްމީ ތަރިއަކަށް ވެއްޖިއްޔާ އޭނާގެ ދަރިފުޅަކީ ވެސް ފިލްމީ ތަރިއަކަށް ވާން ޖެހޭ. އާރްޔަން އަކީ އިސްކޮޅުން ދިގު އަދި ރީތި ސިފަތަކެއް ލިބިފައިވާ ކުއްޖެއް ނަމަވެސް ޚުދް އޭނާއަށް ވެސް އޭނާގެ އެކްޓިން ހުނަރު ނެތްކަން ގަބޫލު ކުރެވޭ. އަދި އަހަރެން ވެސް ގަބޫލެއް ނުކުރަން،" ޝާހްރުކް ބުންޏެވެ.

އާރްޔަން ފިލްމު ކުޅެން ފަށަން އުޅޭ ކަމުގެ ތަފާތު އަޑުތައް ދޭތެރެ ދޭތެރެއިން އިވެ އެވެ. ނަމަވެސް ޝާހްރުކް ބުނީ މަންމަ ނުވަތަ ބައްޕަ ކުރާ ކަމަކަށް ވާތީ އޭ ކިޔާފައި ކޮންމެހެން އެ ކަމެއް ދަރިން ކުރާކަށް ނުޖެހެ އެވެ. އެމީހެއްގެ ކިބައިގައި އެކަމެއްގެ ހުނަރު ނެތް ކަމެއް ކުރަން އުޅެން ނުވާނެ ކަމަށް ވެސް އޭނަ ބުންޏެވެ.

ޝާހްރުކް ބުނި ގޮތުގައި އޭނާގެ ދަރިފުޅަކީ ވަރަށް މޮޅު ލިޔުންތެރިއެކެވެ. އޭނާ ބުނި ގޮތުގައި އެކްޓަރަކަށް ވާން އާރްޔަން ބޭނުން ނުވަނީ ކޮންމެ ގޮތެއް ވިޔަސް އޭނާއާއި އޭނާގެ ބައްޕަ އަޅާ ކިޔުން ނުހުއްޓުވޭނެތީ އެވެ.

ޝާހްރުކް ބުނީ އާރްޔަން ފިލްމު ކުޅެން ބޭނުން ނުވާ ސަބަބަކީ އޭނާ މޮޅުނަމަ އެއީ ބައްޕަގެ ޖީން ވާރުތަ ވެފައި ހުރީމައޭ މީހުން ކިޔާނެތީ އެވެ. އަދި އޭނާ އެކްޓީން އަށް ދަށް ނަމަ ބައްޕައާ އެއް ފެންވަރަކަށް އެކަން ނުވެޔޭ ކިޔާފައި މަލާމާތް ކުރާނެތީ އެވެ. އެހެންވެ އެންމެ މޮޅު ގޮތަކީ ފިލްމު ކުޅެން ނުވިސްނުންކަމަށް އާރްޔަން ދެކޭ ކަމަށް ޝާހްރުކް ބުންޏެވެ.