ކަރީނާ ކަޕޫރު

ކަރީނާގެ ފުރަތަމަ އޮޑިޝަން "ލާލް ސިންގް ޗައްޑާ"އަށް

ކަރީނާ ކަޕޫރުގެ އެކްޓިން ހުނަރާ މެދު އެއްވެސް މީހަކު ސުވާލެއް ނުކުރާނެ އެވެ. "ކަބީ ޚުޝީ ކަބީ ޣަމް"، "ހިރޮއިން" އަދި "ޗަމޭލީ" ފަދަ ފިލްމުތަކުން ކަރީނާ ވަނީ އޭނާގެ ކުޅަދާނަކަން ހާމަކޮށްދީފަ އެވެ. އަދި އެއާއެކު ވެސް ކޮންމެވެސް ފިލްމުތަކަކަށް ކަރީނާ ވެސް އޮޑިޝަން ދީފައި ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާނެ އެވެ.

ނަމަވެސް ކަރީނާ ބުނި ގޮތުގައި އޭނާ އެންމެ ފުރަތަމަ ފިލްމަކަށް އޮޑިޝަން ދީފައިވަނީ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އަށެވެ.

ޓޯކް ޝޯ އެއްގައި ވާހަކަ ދައްކަމުން ކަރީނާ ބުނީ އޭނާ އޮޑިޝަން ދޭން އާމިރު އެދުނީ އެ ފިލްމުގެ ރޯލަށް އޭނާ މުޅިން ފިޓްވާކަށް އިތުރަށް ޔަގީން ކުރުމަށެވެ.

ކަރީނާ ބުނި ގޮތުގައި އާމިރު އަކީ ވަރަށް ފުރިހަމައަށް ކޮންމެކަމެއް ވެސް ކުރަން ބޭނުންވާ އެކްޓަރަކަށް ވާތީ ފިލްމުގެ ރޯލަށް އޭނާ ފުރިހަމައަށް ފިޓްވޭތޯ 100 ޕަސެންޓް ޔަގީން ކުރަން އާމިރު ބޭނުންވީ އެވެ.

"އެއްދުވަހަކު ކުއްލިއަކަށް އަހަންނަށް އާމިރު ގުޅި. އާމިރު ބުނި މި ފިލްމުގެ ވާހަކަ އަޑުއަހާ ބަލާށޭ. އަހަރެން ސްކްރިޕްޓް ކިޔާ ނިމުނުތާ ގުޅާފަ ބުނި ފިލްމުގެ ބައެއް މަންޒަރުތައް ކިޔަމާ ހިނގާށޭ. އާމިރު ބުނި އޭނާ ބޭނުމޯ އަހަރެން ބައެއް ޑައިލޯގްތައް ކިޔާ އަޑު އަހަން. އަހަރެން ހިތަށް އެރި މީގެ ކުރިން މިފަދަ ކަމެއް އަހަރެން ދުވަހަކު ވެސް ނުކުރަމޭ. ދެން މީނަ މިއުޅެނީ ކީއް ކުރަންހޭ. އަހަރެން އެ ފިލްމު ކުޅެން ބޭނުންވާތީ އާމިރު ބުނި ގޮތަށް އޮޑިޝަން ދޭން ނިންމީ،" ކަރީނާ ބުންޏެވެ.

ކަރީނާ ބުނި ގޮތުގައި 2000 ވަނަ އަހަރު ނުކުތް އޭނާގެ ފުރަތަމަ ފިލްމު "ރެފިއުޖީ" އަށް ވެސް އޭނާ އޮޑިޝަނެއް ނުދެ އެވެ. ނަމަވެސް މިހާރު ހުރިހާ ކަމެއް ވެސް ބަދަލުވަމުންދާކަން ކަރީނާ ފާހަގަ ކުރި އެވެ. އެހެންވެ އޭނާއަކީ މާ މަޝްހޫރު ބަތަލާއެކޭ ހީކޮށްގެން މިހާރު ނުހުރެވޭނެކަން ކަރީނާ އަށް ވެސް އެނގެ އެވެ.

ނަމަވެސް އެ ރޯލަށް އޮޑިޝަން ދޭން ކަރީނާ އަށް ހިތްވަރުދިނީ ފިރިމީހާ ސައިފް އަލީ ޚާނެވެ.

"ސައިފް ބުނި ކިހިނެއްހޭ ތިއުޅެނީ. އަލް ޕަކީނާ ވެސް ފިލްމެއްގެ ބަޔަކަށް އޮޑިޝަން ދޭކަށް ފަހަކަށް ނުޖެހޭނޭ. އެއީ ގޯސް ކަމެއް ނޫނޭ. އެކްޓަރުންނާއި އާޓިސްޓުންނަކީ އެ ރޯލަކަށް އެންމެ ފިޓްވާ މީހުންތޯ ޔަގީން ކުރުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ ކަމެކޭ،" ފުރަތަމަ އޮޑިޝަން ދޭން ނިންމި ގޮތާ ބެހޭ ގޮތުން ކަރީނާ ބުންޏެވެ.

"ލާލް ސިންގް ޗައްޑާ" އަކީ އާމިރު ޚާން އަލަށް ފަށަން އުޅޭ ފިލްމެކެވެ. މިއީ 1994 ގައި ނުކުތް ހޮލީވުޑް ބްލޮކްބަސްޓާ "ފްރެސްޓް ގަމްޕް" ގެ އެޑަޕްޓޭޝަން އެކެވެ. ހޮލީވުޑް ފިލްމުގައި ބަތަލުގެ ބައި ކުޅެފައިވަނީ ޓޮމް ހޭންކްސް އެވެ.