ދުނިޔެ

އިރާގުގެ މުޒާހަރާއަށް ދަރިވަރުންވެސް ނުކުމެއްޖެ

Oct 28, 2019

ބަޣުދާދު (އޮކްޓޯބަރު 28) - އިރާގުގެ ވެރިރަށް ބަޣުދާދުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިވާން ދަރިވަރުންވެސް މިހާރު ނުކުމެފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ބަޣުދާދުގެ މަޝްހޫރު ތަހުރީރު ސްކޮޔާއަށް އެއްވެ ކުރަމުންދާ މުޒާހަރާ ހުއްޓުވަން ސަލާމަތީ ބާރުތަކުން ކުރި މަސައްކަތުގެ ތެރެއިން އެތަކެއް ބަޔަކު މިހާރުވެސް ވަނީ މަރުވެފަ އެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން، ދަރިވަރުން މުޒާހަރާއަށް ނުކުތުމުން ބަޣުދާދުގެ ގިނަ ޔުނިވާސިޓީތަކާއި ކޮލެޖުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި ވެރިރަށުގެ ގްރީން ޒޯނަށް ވަދެވެން އޮންނަ މަގުތައް ބަންދުކޮށްގެން ސަލާމަތީ ބަރުތަކާ މުޒާހަރާގެ ބައިވެރިން ކުރިމަތިލަމުންދާކަމަށް ވަނީ ބުނެފަ އެވެ.

އެ ކުރިމަތިލުންތަކުގައި މިދިޔަ ހުކުރު އަދި ހޮނިހިރުގައި 74 މީހުން މަރުވެފައިވާއިރު، 77 މީހުން ޒަހަމްވެފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފަ އެވެ.

އިގުތިސޯދު ވަޅުޖެހިފައިއޮތް އިރާގުގެ ސަރުކާރާ ދެކޮޅަށް އާއްމުން ނުކުމެފައިވަނީ މި މަހު ކުރީކޮޅެވެ. އެ މުޒާހަރާތައް ހުއްޓުވަން ސަލާމަތީ ބާރުތަކުން މުޒާހަރާގެ ތެރެއަށް ބަޑިޖެހުމުގެ ސަބަބުން 230 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.