އޮފްބީޓް

ސްކޫލަށް ނުދެވުނު ކުއްޖެއްގެ މަންމަގެ އަސަރުގަދަ ސިޓީ

ޓީޗަރަކަށް ވުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި ދަރިވަރަކަށް ވުމަކީ ވެސް ވަކިން ފަސޭހަ ކަމެއް ނޫނެވެ. ކްލާހެއްގައި ތިބޭ ދަރިވަރުން ޓީޗަރު ދޭ ފިލާވަޅުތައް ނޯޓްކުރެ އެވެ. އަދި ޓީޗަރު ކިޔަވައިދޭ އެއްޗެހި ހަނދާނުގައި ބަހައްޓައި އެ އެއްޗެތި ފަހުމް ވޭތޯ ދަރިވަރުން މަސައްކަތް ކުރެ އެވެ. އަދި އެ މާއްދާއަކުން ޓީޗަރު ދޭ އެސައިންމަންޓްތައް ނިންމުމަކި ވެސް ކުދިންނަށް ފަރުވާތެރި ކަމާއެކު ކުރަން ޖެހޭ ކަމެކެވެ. ބަނޑުހައިހޫނުކަމުގައި މި ހުރިހާ ކަމެއް ދަރިވަރަކު ކުރާނީ ކިހިނެއް ހެއްޔެވެ؟

ހިތާމައަކީ މިފަދަ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ދަރިވަރުން ވެސް ދުނިޔޭގައި އެބަ ތިބި ކަމެވެ.

ޖެން ޑޫލެންޓޭ އަކީ ފިލިޕީންސްގެ ދެކުނުގައިވާ ކަގާޔަން ޑީ އޯރޯ ސިޓީގެ ބޫގޯ ނެޝަނަލް ހައި ސްކޫލްގެ ޓީޗަރެކެވެ. ވަރަށް ފަހުން އޭނާއަށް ސިޓީ އެއް ލިބުނެވެ. އޭނާ ކިޔަވައިދޭ ގްރޭޑް 7 ގެ ކުއްޖެއްގެ މަންމައަކު ލިޔެފައިވާ ސިޓީ އެކެވެ. އެ ސިޓީގައި ލިޔެފައިވަނީ އޭނާގެ 14 އަހަރުގެ ދަރިފުޅު ޖެރޯމް ފެލިޕް ތިން ދުވަހު ކްލާހަށް ހާޒިރު ނުވެވުނީތީ އޭނާއަށް މައާފް ކޮށްދިނުމަށެވެ.

"ހެޔޮއެދޭ ސާ / މެޑަމް އަށް، އަހަރެންގެ ދަރިފުޅަށް ފާއިތުވީ ތިން ދުވަހު ސްކޫލަށް ނުދެވުނީ އޭނާގެ ބައްޕަ އާމްދަނީ ހޯދަން ދުއްވާ ރެކްސާ ގާޑިޔާ ނުދުއްވިގެން ކާނެ ބަތްކޮޅެއް ނުލިބިގެނެވެ،" ޖެރޯމްގެ މަންމަ ޓީޗަރަށް ފޮނުވި ސިޓީގައި ވެއެވެ.

ޖެރޯމްގެ ޓީޗަރު މި ނޯޓް ކިޔާފައި ވަރަށް ދެރަވި އެވެ. ސޯޝަލް މީޑިއާ އަށް މި ސިޓީ ޕޯސްޓް ކޮށްގެން މީހުންގެ ސަމާލުކަން ހޯދުމަށް އޭނާ ބޭނުންވީ ޖެރޯމްގެ އާއިލާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭނެ ބަޔަކު ހޯދައި ދިނުމުގެ ގޮތުންނެވެ.

ކަން ވީވެސް އެހެންނެވެ. ޓީޗަރުގެ ޕޯސްޓް ފެނިފައި ޖެރޯމް އާއި އާއިލާއަށް ވަރަށް ގިނަ ބަޔަކު ވަނީ ކާނެ އެއްޗެތި ހަދިޔާކޮށްފަ އެވެ.

ފަގީޜުކަމާއި ބަނޑުހައިހޫނުކަމުގައި އުޅެން ޖެހުނަސް ޖެރޯމް އުންމީދުކުރަނީ އެއް ދުވަހަކުން ކިޔާވާ މޮޅުވެގެން ސިފައިންގެ މީހަކަށް ވާށެވެ.