ބޮލީވުޑް

ޑެނީގެ ދަރިފުޅު ރިންޒިން އެކްޓިން މޮޅު


ޑެނީ ޑެންޒޮޕާ އަކީ ހިންދީ ފިލްމު ބަލާ މީހުންނަށް އާ އެކްޓަރަކަށް ނުވާނެ އެވެ. އޭނާގެ އެކްޓިން މޮޅުވެފައި ކުޅެފައިވާ ކެރެކްޓާތައް ވަރަށް ތާރީޚީ ވީމަ އެވެ. މިހާރު ޑެނީގެ ދަރިފުޅު ރިންޒިން ވެސް ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރަން ފަށައިފި އެވެ. ބައްޕަ ފަދައިން ރިންޒިން ވެސް ބޮޑަށް ސަމާލުކަން ދެނީ ތަޅާފޮޅާ މަންޒަރުތައް ކުޅެން ލިބޭ ރޯލު ތަކަށެވެ.

ރިންޒިންގެ ފުރަތަމަ ފިލްމު "ސްކޯޑު" އަކީ ނިލޭޝް ތިވާރީ ޑައިރެކްޓްކޮށް ޕްރޮޑިއުސްކުރާ ފިލްމެކެވެ. ނިލޭޝް އާއި ރިންޒިން އާއެކު ފިލްމުގައި ބައިވެރިވަނީ ޖޯން އެބްރަހަމް އެވެ. ނިލޭޝް އާއި ޖޯން އަކީ ގާތް ދެ އެކުވެރިންނެވެ. އެހެންވެ މި ފިލްމުގައި ޖޯން ބައިވެރިކުރުމަށް ޖޯން އާ ބައްދަލުކުރަން ދިޔައީ ވެސް މި ދެ މީހުންނެވެ.

މި ފިލްމުގެ ފުރަތަމަ ޝެޑިއުލް ބެލާރުސްގައި މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ. ސްޓަންޓް ކޯޑިނޭޓަރު ކިއޭރް ބެކްގެ އިރުޝާދުގެ ދަށުން މި ފިލްމަށް ޝޫޓްކޮށްފައިވާ ތަޅާފޮޅާ މަންޒަރުތައް ވަރަށް ފުރިހަމަކަމަށް ސެޓުގައި މަސައްކަތް ކުރާ ބައެއް މީހުން ވަނީ ބުނެފަ އެވެ.

ކިއޭރް ބެކް އަކީ "މެޓްރިކްސް" އާއި "މޭޑް މެކްސް ފަރީ ރޯޑް" ފަދަ ފިލްމުތަކުގެ އެކްޝަން މަންޒަރުތައް ވަރަށް ފުރިހަމައަށް ގެނެސްދިން ފަރާތެވެ.

މި ފިލްމަ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބެކް ބުނީ ފިލްމުގެ ފަހު ތަޅާލުންގަނޑަކީ ވަރަށް މޮޅަށް އެހާމެ ފުރިހަމައަށް ނެގިފައިވާ މަންޒަރުތަކެއް ކަމަށެވެ. މި މަންޒަރުތަކުގައި 400 ސްޓަންޓްމޭން ބޭނުންކޮށްފައިވާ ކަމަށް ވެސް ބެކް ބުންޏެވެ. މިއީ ވަރަށް ޒަމާނީ ހަނގުރާމައެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ރިންޒިން އާ ބެހޭ ގޮތުން ބެކް ބުނީ ރިންޒިން ސްކްރީނުން ފެންނަ އިރު ވަރަށް ވަރުގަދަ ޝަޚްސިއްޔަތެއްގެ ގޮތުގައި ފެންނަ ކަމަށެވެ. އަދި ތަޅާފޮޅާ މަންޒަރުތައް އޭނާ ކުޅެލާލެއް ވަރަށް ފުރިހަމަ ކަމަށް ވެސް ބެކް ބުންޏެވެ.