ދުނިޔެ

ޑެނީ ޑެންޒޮޕާ

Oct 28, 2019

ސެންޓިއާގޯ (އޮކްޓޯބަރު 28) - ޗިލީގެ ސެންޓިއާގޯގައި އާންމުން ނުކުމެ ކުރަމުންދާ މުޒާހަރާތައް ހުއްޓާ ނުލި ނަމަވެސް، އެ ގައުމުގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ހާލަތު އިތުރު ނުކުރަން ސަރުކާރުން ނިންމައިފި އެވެ.

އާންމުންގެ ގިނަ ބަޔަކު ނުކުމެ މުދަލަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ދެމުންދާއިރު، ޗިލީގައި ކުއްލި ހާލަތު އިއުލާނުކޮށް ހަމަޖެނުޖެހުންތައް ހުއްޓުވަން ބަރު ހަތިޔާރާއެކު 20،000 އަށް ވުރެ ގިނަ ސިފައިންނާއި ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ނަމަވެސް، މީގެ ހަފްތާއެއް ކުރިން އިއުލާނުކުރި ކުއްލި ހާލަތު ޗިލީ ގަޑިން ދަންވަރު 12:00 އަށް ހަމަވާއިރު، ކުއްލި ހާލަތު އިތުރުނުކުރާނެކަމަށް ރައީސް ސެބެސްޓިއަން ޕިންޏޭރާގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

އެ ގޮތަށް ނިންމާފައިވަނީ ޗިލީގެ ބޮޑެތި ސިޓީތަކުގައި ހިންގާފައިއޮތް ކާފިއު ނެގުމުގެ އިތުރުން، ކެބިނެޓަށްވެސް ބޮޑެތި ބަދަލުތައް ގެންނަން ނިންމާފައިވަނިކޮށެވެ.

ޗިލީގައި 1990 ވަނަ އަހަރު ޑިމޮކްރެޓިކް ވެރިކަމެއް ގާއިމުކުރެވުނުފަހުން އެގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި އާންމުންދަނީ ވެހިކަލްތަކުގައި ހުޅުޖެހުމުގެ އިތުރުން، އަމިއްލައަށް މަގުތައް ބަންދުކޮށް ސަލާމަތީ ބާރުތަކާ ކުރިމަތިލަމުންނެވެ.

ޕިންޏޭރާ ހުށަހަޅުއްވާފައިވާ އިސްލާހީ ބަދަލުތައް އެކަށީގެންނުވާކަމަށް ބުނެ މުޒާހަރާތައް ކުރިއަށް ގެންދާނެކަމުގެ އިންޒާރު ވަނީ ދީފަ އެވެ. އަދި ޕިންޏޭރާގެ އިސްތިއުފާއަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.