ހަބަރު

ގަވާއިދާ ހިލާފަށް ޕާކް ކުރުމުން ސްޓިކާ ޖަހަން ފަށައިފި

Aug 15, 2015

ޖޫރިމަނާތައް މާފުވާ ގޮތަށް އެއްގަމު ދަތުރުފަތުރާ ގުޅޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާ އެކު، ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކުގައި އަލުން ސްޓިކާ ޖަހަން ފަށައިފި އެވެ.

ގާނޫނަށް އިސްލާހު ގެނައީ މީގެ ކުރިން ގަވާއިދާ ހިލާފަށް ޕާކް ކުރުމުން ކޮށްފައިވާ ޖޫރިމަނާ އާއި ލައިސަންސް ނެތި ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާތައް އެކީ މާފުވާ ގޮތަށެވެ. އެ އިސްލާހު ގެނައި ނަމަވެސް ޓްރެފިކް ގަވާއިދާ ހިލާފު ވެގެން ދެވޭ އަދަބުތަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އަލުން ސްޓިކާ ޖަހަން ފެށީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން މަނާ ނުކުރާތީ ކަމަށެވެ. އެ ގާނޫނު ތަސްދީގު ވަންދެން ސްޓިކާ ޖެހުން ފުލުހުން އޮތީ ހުއްޓާލައިފަ އެވެ. އޭނާ ވިދާޅުވީ އަލަށް ގެނެވުނު އިސްލާހުގައި ވެސް އެ ބިލް ތަސްދީގު ކުރުމުގެ ފަހުން ކުރާ ޖޫރިމަނާތަކަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް ސާފުކޮށް ބުނެ އެވެ.

* ފުރަތަމަ ފަހަރު 250ރ.

* ދެވަނަ ފަހަރަ 500ރ.

* ދެން އިތުރުވާ ކޮންމެ ފަހަރަކު 750ރ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަލަށް ގެނެވުނު އިސްލާހުގެ ދަށުން ޕާކް ކުރަން ކަނޑައެޅިފައިވާ ސަރަހައްދެއްގައި އެ އުޅަދެއް ޕާކްކޮށްފައި ބޭއްވޭނީ ހަތް ދުވަސް ވަންދެންނެވެ. އަދި އެއަށް ވުރެ އިތުރުވާ ނަމަ، އެ އުޅަނދެއް ޓޯ ކުރުމުގެ ފުރުސަތު ފުލުހުންނަށް ލިބެ އެވެ. އަދި އެ ޓޯ ކުރާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ އުޅަނދަކާ ހަވާލު ނުވެއްޖެ ނަމަ، އެ އެތި ނައްތާލުން ނޫނީ ނީލަން ކިޔުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.