ވިޔަފާރި

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އާ ބުރެއް ހުޅުވާލައިފި

Oct 29, 2019
1

ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީ ވުމުގެ ގޮތުން ބީއެމްއެލް އިން ފަށާފައިވާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ހަތަރުވަނަ ބުރުގައި ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި އެވެ.

ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12:00 އަށެވެ. މި ފުރުސަތުގައި އިޖުތިމާއީ ފައިދާއަށް ހިލޭ ސާބަހަށް ކުރާ މަސައްކަތާއި ތައުލީމާއި ކުޅިވަރު އިތުރުން ތިމާވެށި ހިމާޔަތް ކުރުން ފަދަ ކަންކަމަށް ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ.

މިއަހަރުގެ ކޮންމެ ކްއާޓާ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، އެއިން ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގަން 50,000 ރުފިޔާ ބީއެމްއެލް އިން ދޭނެ އެވެ.

ކޮމިއުނިޓީ ފަންޑުގެ މިދިޔަ ކްއާޓަރުގައި އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލަކީ ނ. ހޮޅުދޫ ބަނދަރު ސަރަހައްދުގައި މަސް ކަނޑާ ތަނެއް ހެދުމާއި ހދ. ކުޅުދުއްފުށީގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުމާއި ރ. ހުޅުދުއްފާރުގައި އަތިރިމަތީ ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއް ތަރައްގީކުރުމާއި ހއ. ކެލާ ސްކޫލު ކުރިމަތީގައި ދަރިވަރުންނާއި ބެލެނިވެރިން ބޭނުން ކުރުމަށް ހިޔަލެއް ހެދުން އަދި ތ. ކަނޑޫދޫގެ ތުނޑީގައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރުމުގެ ޕްރޮޕޯސަލެވެ.

"ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުން. ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް މިވަނީ އިތުރުވެގެން ގޮސްފައި،" ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

މިއަހަރު ތެރޭ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވާން ހިންގާ ޕްރޮގްރާމްގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު 100 ޕްރޮޖެކްޓަކަށް އެހީތެރިކަން ދީފައި ވެއެވެ.