އޮފްބީޓް

އެކުވެރިޔާ ސަލާމަތްކުރަން ކިނބުލެއްގެ ލޯ ދަމައިގެންފި

އެކުވެރިއަކަށް ކަމެއް ދިމާ ވެގެން އުޅޭއިރު އަނެއް އެކުވެރިޔާއަށް ބަލަހައްޓައިގެންނެއް ނުހުރެވޭނެ އެވެ. ރަނގަޅު އެކުވެރިންނަކީ ކަމެއް ޖެހޭ ވަގުތު އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭ މީހުންކަން މި ވާހަކައިން ވަނީ ސާބިތު ވެފަ އެވެ. ޚާއްސަކޮށް އެކުވެރިޔާގެ ފުރާނަ އަށް ގެއްލުމެއް ވާފަދަ ކަމެއް މެދުވެރިވެއްޖެނަމަ އޭނާ ސަލާމަތްކުރަން އަނެއް އެކުވެރިޔަކު ކޮންމެ ފަދަ ގުރުބާނީ އެއް ވެސް ވެދާނެ އެވެ.

ޒިމްބާބުވޭގެ ނުވަ އަހަރުގެ ކުޑަކުޑަ އަންހެންކުއްޖަކު ވަނީ އޭނާގެ އެކުވެރިޔާގެ ގައިގައި ކިނބުލެއް ހިފައިގަނެ ކާލަން މަސައްކަތް ކުރަނިކޮށް ފެނިގެން އެ ކިނބޫގެ ގައި މައްޗަށް ފުންމައިގެން އަރާ އޭތީގެ ދެލޮލަށް އިނގިލި ކޮށްޕާލާފަ އެވެ. އަދި ކިނބުލުގެ އަނގައިން އެކުވެރިޔާ ދޫކޮށް ނުލަނީސް ކިނބުލުގެ ލޮލަށް ހަމަލާ ދިނުން އަންހެންކުއްޖާ ހުއްޓަ ނުލާ ކުރިޔަށް ގެންދިޔަ އެވެ.

ޒިމްބާބުވޭގެ ސިންޑްރޭލް އަވަށުގެ އުމުރުން ނުވަ އަހަރުގެ ލަޓޯވާ މުވާނީ އަށް ކިނބޫ ހަމަލަ ދީފައިވަނީ އެކުވެރިންތަކަކާ އެކު ކޯރެއްގައި ފަތަން ވެގެން އެރި އުޅެނިކޮށް ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައި ވެއެވެ.

އެގާރަ އަހަރުގެ ރެބެކާ މުންކޮމްބޭ އަށް އޭނާގެ އެކުވެރިޔާ ހަޅޭއްލަވައިގެން އަޑު އިވުނީ ކޯރުގައިފ ފަތަން އޮވެފައި އެއްގަމަށް އެރިތަނާ އެވެ. ވަގުތުން އޭނާ ކޯރަށް އެރިގެން އެކުވެރިޔާ އާ ދިމާލަށް ދިޔަ އެވެ.

ޑެއިލީ މެއިލް އަށް ރެބެކާ ކިޔައިދިން ގޮތުގައި އެމީހުން އެންމެން ކޯރުގައި ފަތަން ތިބެފައި ކޯރުން އެރިތަނާ ކޮންމެވެސް އެއްޗެއް ދަތް އަޅައިފިޔޭ ކިޔާފައި ލަޓޯވާ ރޯ އަޑު އިވުނީ އެވެ. އޭރު ކޯރުގައި އޮތީ ހަމައެކަނި ލަޓޯވާ އެވެ.

"ހަތް ކުދިންގެ ގްރޫޕެއް އެ ދުވަހު ފަތަން ކޯރަށް އެރިގެން އުޅުނީ. އޭގެ ތެރެއިން އަހަރެން އެންމެ ބޮޑުވެފައި ދޮށީ. އެހެންވެ އަހަރެން ހިތަށް އެރީ އަހަރެންނޭ އޭނަ ސަލާމަތްކުރަން މަސައްކަތް ކުރަން ޖެހޭނީ. ވަގުތުން އަހަރެން ފުންމާލައިގެން ލަޓޯވާ އާ ދިމާލަށް ދިޔައިން. ޢޭރު އޭނާ ފެންމަތީގައި އޮވެވޭތޯ ތެޅި ފޮޅެނީ. އޭނާ ގޮވާ ކޮންމެވެސް އެއްޗެއް އޭނާގެ އަތުގައި ދަތްއަޅައިގެން އަޑިއަށް ގެންދަން އެބަ ދަމައޭ،" ރެބެކާ ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ލަޓޯވާގެ އަތުގައި ދަތް އަޅައޮގެން އޮތް ކިނބޫ ރެބެކާ އަށް ކުއްލިއަކަށް ފެނުނެވެ. އަދި އެއާއެކު އޭތީގެ ބުރަކަށި މައްޗަށް ފުންމައިގެން އަރާ އޭތީގެ ގައިގައި ތަޅަން ފެށި އެވެ. އަދި އެ ސޮރުގެ ދެ ލޮލަށް އިނގިލި ކޮއްޕަން ފެށީ އެވެ. އެކުވެރިޔާގެ އަތުން ދޫކޮށްނުލާހާ ހިދަކު އޭނާ ދިޔައީ ކިނބުލުގެ ލޮލަށް ހަމަލަ ދެމުން ކަމަށް ރެބެކާ ބުންޏެވެ.

ކިނބުލުގެ ކިބައިން އެކުވެރިޔާ ސަލާމަތް ވުމާއެކު އަވަހަށް އޭނާ ގޮވައިގެން އެއްގަމަށް އެރީ ކަމަށް ވެސް ރެބެކާ ބުންޏެވެ.

ނަސީބަކުން އަލުން އެ ދެ ކުދިންނަށް ހަމަލަ ދޭކަށް ކިނބުލެއް ނޫޅުނެވެ. ނުވަ އަހަރުގެ ކުއްޖާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭނާއަކަށް މާ ބޮޑެތި އަނިޔާތަކެއް ނުލިބެ އެވެ.

ރެބެކާ ކަހަލަ އެކުވެރިން މަދުންނަމަވެސް ތިބޭކަން އޭނާގެ މި ހިތްވަރުގަދަ އަމަލުން ވަނީ ހާމަ ކޮށްދީފަ އެވެ.