ވިޔަފާރި

ބީއެމްއެލްއަށް ކަސްޓަމާ ސާވިސް ޑިރެކްޓަރެއް ހޯދަނީ

Oct 29, 2019
1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމާ ސާވިސް ޑިރެކްޓަރެއް ހޯދަން އިއުލާންކޮށްފި އެވެ.

ގައުމީ ބޭންކުން ކޮށްފައިވާ އިއުލާނެއްގައި ބުނި ގޮތުގައި ކަސްޓަމާ ސާވިސް ދާއިރާގައި ފަސް އަހަރު މަސައްކަތްކޮށް ތަޖުރިބާ ހާސިލްކޮށްފައިވާ އަދި ކަމާއި ގުޅުންހުރި ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ފަރާތްތަކުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން އެ މަގާމަށް ކުރިމަތިލުމަށް އެދޭ ކަމަށެވެ. ކަސްޓަމާ ސާވިސް ޑިރެކްޓަރަކީ ބީއެމްއެލް އިން އަލަށް އުފައްދާފައިވާ މަގާމެކެވެ.

ބީއެމްއެލްގެ ސީއީއޯ ޓިމޮތީ ސޯޔާ ވިދާޅުވީ ގައުމީ ބޭންކުގެ ހިދުމަތް މިހާރަށްވުރެ ވެސް ރަނގަޅު ކުރުމަކީ ކުރިއަށްއޮތް އަހަރު ކުރައްވާނެ ކަމަށެވެ. އަދި އެ ހިދުމަތް ފުރިހަމަ ކުރަން އާ ޓެކްނޮލްޖީގެ ރޮނގުން ބޭންކް ކުރިއަށް ގެންދިއުމަށް އިންވެސްޓް ކުރަމުންދާ ކަމަށް ސީއީއޯ ވިދާޅުވި އެވެ.

"އެކި ވަސީލަތްތައް ބޭނުންކޮށްގެން ބޭންކިން ހިދުމަތް ހޯދަމުން ދާ ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަމުންދާ ބަދަލާ އެއްގޮތަށް ހިދުމަތް ބައްޓަންކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް. ޒަމާނީ ޓެކްނޮލޮޖީ އާއެކު މިއަދު އަޅުގަނޑާއި ތިޔަ ބޭފުޅުން ބޭންކިން ހިދުމަތް ހޯދާ ގޮތްތަކަށް މިވަނީ ބޮޑު ބަދަލެއް އައިސްފަ. ކުރިއަށްތަނުގައި ވެސް ބޭންކުން ޓެކްނޮލޮޖީ އަށް އިންވެސްޓްކޮށް އަދި ހަމަ އެހެންމެ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް މިހާރަށް ވުރެ ލުއި ފަސޭހަކަން ގެނެސް އިތުރު ފުރުސަތު ތަކެއް ދިނުމަށް ވެސް މަސައްކަތް ކުރާނަން،" ޓިމް ވިދާޅުވި އެވެ.

ބީއެމްއެލް އިން ދަނީ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ނެތް އާ ހިދުމަތްތައް ދަނީ ތައާރަފު ކުރަމުންނެވެ. މީގެތެރޭގައި ކަސްޓަމާ ސާވިސް ސެންޓަރުތައް ހެދުމާއި އޭޓީއެމްގެ ކިޔޫތައް ކުޑަކުރަން ސެލްފް ސާވިސް އޭޓީއެމްތައް ހުޅުވުމާއި ބްރާންޗުތައް ޒަމާނީ ކުރުން ހިމެނެ އެވެ.