ހަބަރު

10،000 މީހުން ހަމަނުވާ ޕާޓީތަކަށް ފައިސާ ދޫނުކުރާ ގޮތަށް ފާސްކުރަނީ

Aug 15, 2015
1

ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަ ނުވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ނުދޭ ގޮތަށް، ސިޔާސީ ޕާޓީތަކާ ގުޅޭ ގާނޫނަށް އިސްލާހެއް ގެންނަން ފާސްކޮށްފި އެވެ.

ކޮމިޓީ އިން މިއަދު ފާސްކުރި ޕީޕީއެމްގެ މާވަށު ދާއިރާގެ މެންބަރުން އަހުމަދު އަޒުހާން ހުށަހެޅުއްވި އެ އިސްލާހުގައިވާ ގޮތުގައި، އަންނަ އަހަރުން ފެށިގެން މަޖިލީހުން ބަޖެޓް ފާސްކުރާ އިރު ސިޔާސީ ޕާޓީތަކުގެ ތެރެއިން ފައިސާ ދޫކުރަން ހިމަނަން ޖެހޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އަދި 20،000 މެންބަރުންނަށް ވުރެ ގިނަ މެންބަރުން ތިިބި ޕާޓީތަކަށް އިދާރީ އޮފީހުގެ ގޮތުގައި 1،000 އަކަފޫޓުގެ އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ސަރުކާރުން ދޭން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

ކޮމިޓީން އަލަށް ފާސްކުރި އެ އިސްލާހުގައިވާ ގޮތުން، ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް 3،000 މީހުންގެ ސޮއި ހުށަހެޅުމުުން ފުދޭނެ އެވެ. މިހާޜު ގާނޫނުގައި ބުނަނީ 10،000 މެންބަރުންގެ ސޮއި ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި 3،000 މެންބަރުން ނެތް ޕާޓީތައް އުވޭނެ އެވެ.

އެ ބިލް ހުށަހެޅި މަގުސަދުތަކުގެ ތެރޭގައި ހިމެނާފައި ވަނީ ސުޕްރީމް ކޯޓްގެ ގަޒިއްޔާއިން މިހާރު ޕާޓީތަކާ ގުޅޭ ގާނޫނުގައި ހުރި ބައެއް މާއްދާތައް ބާތިލްކޮށްފައި ވާތީ، އެ ހުކުމާ އެއްގޮތަށް ގާނޫނު ބައްޓަން ކުރުމެވެ.

އެންމެ އަވަހަށް އޮންނަ މަޖިލީހުގެ ޖަލްސާއަކަށް އެ އިސްލާހު ފާސްކުރަން ހުށަހަޅާނެ ކަމަށް ގަބޫލު ކުރެވެ އެވެ.